ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރު ކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެމަކަު އެ ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރު ކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ކަމަށް ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ބީއެމްއެލުން މިދިޔަ މުޅިން އަލަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރި ކަމަށާއި އެއީ އެ ބޭންކުގެ 43 އަހަރުގެ ދިގު ތާރީހުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ލޯނު ދޫކުރި ފަހަރު ކަމަށެވެ. 

"އެއާ އެކީގައި އަޅުގަނޑުމެންގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާ އަށް އަރާފާއިވޭ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 25 ޕަސެންޓްގެ ކުރިއެރުމެއް" ސީއީއޯ ވިދާޅުވި އެވެ. 

ޝަރީފު ވިދާޅުވި ގޮތުގައި، ލޯނު ނުދައްކާ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު، އެއް ޕަސެންޓު ދަށް ކުރެވުނެވެ. ރައުސްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯ ހުރީ 48.1 ޕަސެންޓުގައި ކަމަށާއި އެއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަން ސީއީއޯ ފާހަގަކުރެއްވި އެވެ. 

މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ބީއެމްއެލާ ގިނަ އަދަދެއްގެ ކަސްޓަމަރުން ވެސް ގުޅުނު އަހަރެއްގެ ގޮތުގަ އެވެ. އެ އަހަރު މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްއާ ވަނީ ގުޅިފަ އެވެ. 

މިދިޔަ އަހަރު ކަސްޓަމަރުންގެ ޑިޕޮސިޓް 16 ޕަސެންޓްގެ އިތުރުވުމާ އެކު، މިހާރު ހުރީ 37.2 ބިލިއަންގައި ކަމަށް ސީއީއޯ ޝަރީފު ރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކާމިޔާބީން ދައްކުވައިދެނީ ބޭންކުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކު، ބީއެމްއެލް އަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުން ދިއުން ކަމަށް ޝަރީފު ވިދާޅުވި އެވެ. 

ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ވަނީ މާލީ ގޮތުން ވެސް ފުރިހަމަ ކާމިޔާބީއެއް މިދިޔަ އަހަރު ހާސިލް ކޮށްފަ އެވެ. އެގޮތުން ޓެކުހަށް ކެނޑުމަށް ފަހު، ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ކުރީ އަހަރާއި އަޅާބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ. 

"ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާ އެކު، އިޖުތިމާއީ ގޮތުން ވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުައްސަސާއެއްކަން އަޅުގަނޑުމެން މިވަނީ ސާބިތު ކޮށްދީފައި. އަޅުގަނޑުމެން މި ހިންގަނީ ހަމައެކަނި މާލީ ފައިދާ ހޯދާ ބޭންކެއް ނޫން. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހިންގެ ބޭންކެއް،" އޭނާ ވިދާޅުވި އެވެ.