ރާއްޖެ އަށް އިއްޔެ އައި ޓޫރިސްޓުންގެ އަދަދު 39 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކުރި  ޓޫރިސްޓުންގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެ އަށް އައިސްފައިވަނީ 4،900 ޓޫރިސްޓުންނެވެ. އެކަމަކު، މިދިޔަ އަހަރުގެ އޭޕްރީލް އެއް ވަނަ ދުވަހު ރާއްޖެ އަށް 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ރާއްޖެއަށް އަންނަން ތާވަލް ކޮށްފައިވާ 500 އެއްހާ ފްލައިޓް ކެންސަލް ވެފައިވެ އެވެ.

މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ. އެއީ 166،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަށް 254،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. 

މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް، މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 0.7 ޕަސެންޓު އިތުރެވެ. ޓޫރިސްޓުން އިތުރުވެފައިވަނީ މި އަހަރުގެ ފުރަތަމަ ދެ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުންނެވެ. 

މިހާރު ފެންނަ ހިސާބުތަކުން، މި މަހު އަންނަ ޓޫރިސްޓުންގެ އަދަދު މި ރޭޓުގައި ދަށްވަމުންދާ ނަމަ، ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ބޮޑުތަނުން ދަށްވާނެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 653،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައިވަނީ 648،000 ޓޫރިސްޓުންނެވެ.

އީރާނަށް އެމެރިކާ އާއި އިޒްރޭލުން  ދޭން ފެށި ހަމަލާތަކާ އެކު، އީރާނުގެ ރައްދު ހަމަލާތައް ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ދޭން ފެށުމުން ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފަ އެވެ.

އެ ގައުމުތަކުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން އައުމަށް ބޭނުން ކުރާ ހަބެވެ. އެހެންވެ، ހަނގުރާމައިގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެކަން ހައްލު ކުރުމަށް އިންޑިއާ އާއި އޭޝިއާގެ އެހެން މަންޒިލްތަކުގައި ރާއްޖެ އިޝްތިހާރުކޮށް، އިތުރު ވައިގެ ރޫޓްތައް ފެށުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.