ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ ގޮތާ ހިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން 30 ޕަސެންޓްގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިން އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން ރަސްމީކޮށް މީގެކުރިން ހާމަކޮށްފައިވާ ގޮތަށް، ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝެއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނުނަގާ ކަމަށެވެ.

"އެހެންކަމުން ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެކެވެ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭންކުގެ 'ޝެޑިއުލް އޮފް ޗާޖަސް' ގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 ޕަސެންޓާ  ހަމައަށް ފީއެއް ނެގިދާނެއެވެ. އަދި އެގޮތަށް ކްރޮސްބޯޑާ ފީއެއް ނެގުމަކީ ދުނިޔޭގެ އެހެން ބޭންކުތަކުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމަކީ ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ވެސް ނޫނެވެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު އެގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ އެ ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، އަދި މާލީ ރައްކާތެރިކަމާއި ހަމަޖެހުމަށް ސީދާ ނުރައްކަލެއް ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވަސީލަތްތަކުން ހާމަ ކުރާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށް ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.