މި މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރީ 110،000 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ގާތްގަނޑަކަށް 40،000 ދަށް އަދަދެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެހާ ބޮޑަށް ދަށަށް ދިޔައީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އާންމުކޮށް ރާއްޖެއަށް ޓޫރިސްޓުން އަންނަ ރޫޓުތަކުން ޓޫރިސްޓުން އައުން މަދުވުމުންނެވެ. ޔޫރަޕާއި ހުޅަނގުގެ މަންޒިލްތަކުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ގަތަރާއި ޔޫއޭއީ މެދުވެރިކޮށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ރާއްޖެ އަށް އަންނަން ތާވަލް ކޮށްފައިވާ 500 އެއްހާ ފްލައިޓް ކެންސަލް ވި އެވެ. އަދި ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތަކަށް ކުރިމަތިވި ހުރަސްތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ. 

މިދިޔަ މާޗް މަހު ވެސް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓް ދަށްވެފަ އެވެ. އަދި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ ހަތަރު ޕަސެންޓް ދަށްވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައީ 750،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް 790،000 ޓޫރިސްޓުން އައިސްފައިވެ އެވެ.