ސްރީ ލަންކާގެ ހޭލީސްގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓު އަމާޔާ ކުޑަަރަށް މޯލްޑިވްސް 17.25 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.
ކުޑަ ރަށް އައިލެންޑް ރިސޯޓު މޯލްޑިވްސްގެ ނަމުގައި ހިންގި އެ ރިސޯޓު ހޭލީސް އިން 2016 ވަނަ ގަތީ 23 މިލިއަން ޑޮލަރު (355 މިލިއަން ރުފިޔާ) އަށެވެ. އެހެންވެ، އެ ރިސޯޓު ވިއްކާލަން ހުށަހެޅި އަގަކީ ހޭލީސް އިން އެ ރިސޯޓު ގަތް އަގަށް ވުރެ ހަ މިލިއަން ޑޮލަރު (93 މިލިއަން ރުފިޔާ) ކުޑަ އަގެކެވެ.
އެ ކުންފުނީގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތަކުގައިވާ ގޮތުން ހޭލީސްއިން އެ ރިސޯޓު ވިއްކާލަން ނިންމާފައިވަނީ ރާއްޖޭގައި ހިންގާ ބޮހީމިއަ ލަގްޒަރީ ރިސޯޓަށެވެ. އެކަމާ ގުޅޭ އެއްބަސްވުން އެ ދެ ކުންފުނިން ހެދީ މި އަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހު އެވެ.
މިހާރު އެކަމުގައި ކުރިއަށް ދަނީ އެސެޓް ޓްރާންސްފާކުރުމުގެ މަސައްކަތްތަކާއި ރަސްމީކޮށް ހިސާބުތައް އެކުލަވާލައި، ކުންފުނި ހަވާލުކުރުމުގެ މަސައްކަތްތަކެވެ. އެ މަސައްކަތް ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ވައިގެ މަގުން 20 މިނެޓުން ދެވޭ، އެ ރިސޯޓުގައި 51 ލަގްޒަރީ ވިލާ އޮޕަރޭޓްކުރެ އެވެ.
މިދިޔަ އަހަރުގެ ހޭލީސްގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ކުޑަ ރަށް ރިސޯޓުން އެ ކުންފުންޏަށް އަދި ވަނީ ގެއްލުމެވެ. އެ ރިސޯޓުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން، ހޭލީސްގެ ހޮސްޕިޓާލިޓީ ސެކްޓަރުން މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް 251 މިލިއަން ލަންކާ ރުޕީސް (760،000 ޑޮލަރު) ގެ ގެއްލުމެއް ވެފައިވެ އެވެ.
މިދިޔަ އަހަރު ހޭލީސްއަށް ޖުމްލަކޮށް ވެސް ވަނީ 3.7 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އެ ކުންފުނިން ލަންކާގެ އެކި ސަރަހައްދުތަކުގައި އަންނަނީ 11 ހޮޓާ ހިންގަމުންނެވެ.