މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ ތެރެއިން ރިސޯޓުތަކަށް އައި ޓޫރިސްޓުންގެ އަދަދު 40،000 ދަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކަށް އައިސްފައިވަނީ 660،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓުތަކުގައި 701،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ހަ ޕަސެންޓުގެ ވެއްޓުމެކެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 70 ޕަސެންޓް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.
ރިސޯޓުތަކަށް އައި ޓޫރިސްޓުންގެ އަދަދު ދަށްވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 4.1 ޕަސެންޓް ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 950،000 ޓޫރިސްޓުން އައިސްފަ އެވެ.
ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކަށް އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ގެސްޓް ހައުސްތަކުން 223،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 225،000 ޓޫރިސްޓުންނެވެ.
މި މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް 7،000 އެއްހާ ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 21 ޕަސެންޓް ދަށް އަދަދެކެވެ.
މާޗް މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް ދަށްވުމަށް ފަހު މިދިޔަ މަހު ޓޫރިސްޓުންގެ އަންނަ އަދަދު ހަމައަކަށް އެޅެންވަނީ ފަށައިފަ އެވެ. މެއި މަހަކީ އަބަދުވެސް ޔޫރަޕާއި މެދުއިރުމަތީގެ ރޫޓްތައް މެދުވެރިކޮށް ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު މަދު މަހެކެވެ. މެއި މަހު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ.