ދިވެހި ފަންނުވެރި ޒުވާނުންނާއި މަސައްކަތްތެރިންނަށް ހާއްސަ "ޓާސްކިން" އެޕުން ކޮމިއުނިޓީ ނާސް ވޮލެންޓިއާސްއާ އެކު ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް އިއުލާނުކޮށްފި އެވެ.
އަންނަ ބުދަ ދުވަހު ހުޅުމާލެ 1ގެ އޮރެންޖް ހިޔާގައި ބާއްވަން ހަމަޖެހިފައިވާ އެ ހަރަކާތް ކުރިއަށް ގެންދާނީ ހެނދުނު 10 އިން މެންދުރު 2 އާ ހަމައަށެވެ. އަދި އެ ހަރަކާތުގައި ލޭ ހަދިޔާ ކުރުމަށާއި ވޮލަންޓިއާ ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ޓާސްކިންގެ ފައުންޑާ އަދި ސީއީއޯ ދީމާ ފާކިރު ވަނީ ލޭ ހަދިޔާ ކުރުމަށް ހިންގާ އެ ހާއްސަ ކޭމްޕުގައި ޓާސްކަރުންނާއި ކަސްޓަމަރުން ބައިވެރިވުމަށް އެދިފަ އެވެ. އަދި މި ހަރަކާތަށް ނާދެވޭ ފަރާތްތަކުން 'ލޭ އެޕް' މެދުވެރިކޮށް ލޭ ހަދިޔާ ކުރެވެން ހުރި ސެންޓަރުތައް ބެލުމަށްފަހު، ލޭ ހަދިޔާ ކުރެވެން ހުރި ނަމަ ލޭ ހަދިޔާކުރަން އެ ޓާސްކިން އިން އެދެ އެވެ.
އެ ހަރަކާތަކީ ބައިނަލްއަގްވާމީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. އަދި މިއަހަރުގެ އެ ދުވަހުގެ ތީމަކީ "ވަން ޑްރޮޕް އޮފް ހިއުމޭނިޓީ. ގިވް ބްލަޑް. ސޭވް ލައިވްސް" އެވެ.