މިދިޔަ ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް ދަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 125،000 ޓޫރިސްޓުންނެވެ. އޭގެ ކުރީ އަހަރުގެ ޖޫން މަހު 143،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް އެއް މިލިއަން ޓޫރިސްޓުން އައި އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި މިދިޔަ މާޗް މަހާއި އޭޕްރީލް މަހު ވެސް ޓޫރިސްޓުން އައި އަދަދު ވަނީ 20-24 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފަ އެވެ. މެއި މަހު އައި ޓޫރިސްޓުން ދެ ޕަސެންޓަށް އިތުރުވި ނަމަވެސް ޖޫން މަހު ވެސް ރާއްޖެއަށް އައި ޓޫރިސްޓުން މަދެވެ.
މެެއި މަހަކީ އާންމުކޮށް ވެސް ޔޫރަޕްގެ މަންޒިލްތަކުން ޓޫރިސްޓުން އަންނަ ވަރު މަދުވާ މަހެކެވެ. އެ މަހު މިދިޔަ އަހަރުތަކުގައި ވެސް ގިނަ ޓޫރިސްޓުން އައިސްފައިވަނީ އޭޝިއާގެ ސަރަހައްދުންނެވެ.
މިއަހަރު އެވްރެޖްކޮށް ދުވާލަކު 5،900 ޓޫރިސްޓުން އަންނަ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 300 ޓޫރިސްޓުން މަދު އަދަދެކެވެ.
ސަރުކާރުން އަންނަނީ މިއަހަރަށް ކަނޑައަޅާފައިވާ 2.2 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލް ވޭތޯ އެކި މަސައްކަތްތައް ކުރަމުންނެވެ.