ރާއްޖޭގައި ޑޮލަރު ނުލިބިގެން ނޫޅޭ ކަމަށާއި، ނުލިބެނީ ބޭންކް ރޭޓުގައި އެކަނި ކަމަށް ޓްރެވަލް އޮޕަރޭޓަ، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ބޭއްވި "އިގްތިސާދުގެ ދެ ފަރާތް" ޕެނަލް ޑިސްކަޝަންގައި ފިރާގު ވިދާޅުވީ، ރާއްޖޭގައި ޑޮލަރު ހޯދަން އުނދަގޫ ނޫން ކަމަށާއި ބޮޑު އަގުގައި ފަސޭހައިން ލިބޭ ކަމަށެވެ.

"ނުއަގުގައި ބޭނުން ވަރަކަށް ގަންނަން ލިބޭ ދެއްތޯ. އަޅުގަނޑުމެންނަށް ޑޮލަރު ނުލިބިގެންނެއް ނޫޅޭ. ޑޮލަރަށް އެޑުވާ އާޓިފިޝަލް ޕްރައިޒެއް، އެޑްވާ 35 ޕަސެންޓާ އެކު އެބަ ލިބޭ ޑޮލަރު،" އޭނާ ވިދާޅުވި އެވެ.

ފިރާގުގެ އެ ވާހަކައާ ގުޅިގެން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޑޮލަރުގެ އަގުގެ ވާހަކަ ނޫސްތަކުން ރިޕޯޓު ކުރުމުން އެކަމަށް މާކެޓް ރިއެކްޓް ކޮށްފާނެތޯ، އެ ފޯރަމްގައި ސުވާލުކުރައްވައިފަ އެވެ. އެއަށް ޖަވާބު ދެއްވަމުން ފިރާގު ވިދާޅުވީ، އެކަން ހިނގާނީ އެގޮތަށް ކަމަށާއި ނޫސްތަކުގައި ރޭޓުތަކުގެ ވާހަކަ ދައްކާ ނަމަ، އަގުތަކަށް ބަދަލު އަންނާނެ ކަމަށް 100 ޕަސެންޓް ގަބޫލުކުރައްވާ ކަމަށެވެ.

ފިރާގު ވިދާޅުވީ އެއީ ބައެއް ގައުމުތަކުގައި ކުށެއް ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ގާނޫނީ ގޮތުން ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

"އިގްތިސާދުގެ ދެ ފަރާތް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
"އިގްތިސާދުގެ ދެ ފަރާތް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފިރާގު އެ އިޝާރާތްކުރެއްވީ، ވަރަށް ގިނަ ގައުމުތަކުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ، އެކްސްޗޭންޖް ރޭޓް މެނިޕިއުލޭޝަންއަށް ކަމަށް ބެލެވެ އެވެ. އެއީ މީޑިއާގައި ގެންނަ ޚަބަރުތަކާ ތަފާތު ކަމެކެވެ.

ޑޮލަރުގެ ކަޅު ބާޒާރާ ގުޅޭ ޚަބަރުތައް ބޮޑެތި ބިޒްނަސް ނިއުސްއައުޓްލެޓްތައް ކަމަށްވާ ރޮއިޓާސް، ބްލޫމްބާގް، ފައިނޭންޝަލް ޓައިމްސް، ބީބީސީ އަދި އަލްޖަޒީރާ ފަދަ ނޫސްތަކުން ވެސް ރިޕޯޓްކުރެ އެވެ. އަދި އިގްތިސާދު އެނަލައިޒްކޮށް ދިރާސާކުރާ މާލި އިދާރާތަކުން ވެސް "ޕެރެލަލް މާކެޓް" ރޭޓުތައް އިގްތިސާދީ ހާލަތު ދެނެގަތުގައި ބޭނުންކޮށް، އެފަދަ މައުލޫމާތު އާންމުކުރެ އެވެ.

ފިރާގު ވިދާޅުވީ، ޑޮލަރުގެ ހާލަތު ވަރަށް ރަނގަޅަށް ދިރާސާކޮށް، މަނިޓަރީ ޕޮލިސީ ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިވަގުތު ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ޑުއެލް ކަރަންސީގެ ހާލަތު ބަދަލުކޮށް ސިންގަލް ކަރަންސީއަކަށް ބަދަލުކުރުން ކަމަށެވެ.

"ފައިސާގެ މުއާމަލާތް ކުރުމުގައި އުސޫލުތައް ބަދަލުކުރަން ޖެހޭ. ސިންގަލް ކަރަންސީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބޭންކުން 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ކުރިން ބުނެފައިވެ އެވެ. 

ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ، 1.2 މިލިއަން ޑޮލަރު ކޮންމެ ދުވަހަކު އޭޓީއެމްތަކުން ނަގާ އިރު ބޭންކްތަކަށް އެވްރެޖުކޮށް ޑިޕޮސިޓްގެ ގޮތުގައި ލިބެނީ ހަ ލައްކަ އާއި ހަތް ލައްކަ ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ލިބޭ ޑޮލަރުގެ ދެ ގުނަ ހަރަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރު އިތުރު ކުރުމާ ގުޅޭ ގޮތުން އެންސިސް ފިޝަރީޒްގެ ކޯ އޯނަރު އަބްދުލްވާހިދު ތައުފީގު މި ޕެނަލް ޑިސްކަޝަންގައި ވިދާޅުވީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރަންޖެހޭ ކަމަށެވެ. އަދި އެ ދާއިރާއަށް މިހާރަށް ވުރެ ގިނަ ވިޔަފާރިތައް ނުކުންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް ފަހު ރާއްޖެއަށް މިހާރު ވެސް އެންމެ ގިނަ ޑޮލަރު ވަންނަނީ މަސްވެރިކަމުން ކަމަށެވެ.

"ނިސްބަތަކުން އެންމެ ގިނަ އަދަދެއްގެ ޑޮލަރު ގެނެސްދޭ އިންޑަސްޓްރީއަކީ މަސްވެރިކަން. ޒަމާންތަކެއް ވަންދެން އިތުުރު ޕޮސިލީތަކެއް އޮތީ ސަރުކާރު އެކަނި އޮތުމަށް ފަހު، މިދިޔަ 20 އަހަރު ތެރޭގައި ބަދަލުތަކެއް އަންނަމުން ދިޔައީ. އެހެން ނަމަވެސް އެ ބަދަލުތައް އިތުރަށް އެކްސެލެރޭޓްކޮށް މިހާރަށް ވުރެ 10 ގުނަ މަހުގެ ވިޔަފާރި އިތުރު ކުރެވިދާނެ. މަހުގެ ވިޔަފާރީގައި ދިމާވާ ޗެލެންޖަކީ މަހުގެ ޕްރޮޑަކްޝަން ދަށްވުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ދާއިރާތަކުގެ ވިޔަފާރިތައް މެދުވެރިކޮށް ވެސް ޑޮލަރު ރާއްޖެއަށް ވަންނާނެ ގޮތްތައް ފަހިކޮށްގެން އިގްތިސާދުގައި ޑޮލަރު އިތުރު ކުރެވޭނެ ކަމަށެވެ.