މިދިޔަ ފެބުރުއަރީމަހު އިފުތިތާހުކުރި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ރަންވޭގައި އިއްޔެ ފައުންޑޭޝަން އަޅަން ފަށައިފި އެވެ.
ދިގުމިނުގައި 3،400 މީޓަރު ހުންނަ އަދި 60 މީޓަރު ފުޅާ މި ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާނެ އެވެ. މިއީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު އެހީގައި އަޅާ ރަންވޭގައި މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތެވެ.
"މިއީ މައިލްސްޓޯނެއް. ފެބުރުއަރީން ފެށިގެން ރަންވޭގެ މަސައްކަތް ކުރިއަށް މިދަނީ. އެކަމަކު މިއީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ފަށާ އެންމެ ބޮޑު މަސައްކަތް،" މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވި އެވެ.
ފައުންޑޭޝަނުގެ މަސައްކަތް ފެށީ ރަންވޭގެ ފަސްގަނޑު ކޮމްޕެކްޓް ކުރުމަށް ފަހު އެވެ.
ހަސަން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ސިމެންތި އަޅާނީ 270 މިލިމީޓަރުގެ ބޯމިނުގަ އެވެ. އޭގެ ފަހުން 200 މިލިމީޓަރާ ހަމައަށް ސިމެންތި ކޮމްޕެކްޓު ކުރުމަށް ފަހު، އޭގެ މަތިން ހަތަރު ލޭޔަރު އަޅައި ލެވެލް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ހުރިހާ އުޅަނދުތައް ތަމްސީލު ކުރާ އެއާލައިންސް އޮޕަރޭޓާ ކޮމިޓީ (އޭއޯސީ)އަށް އެއާޕޯޓު ދައްކާލައި، އެތަނާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ދީފަ އެވެ.
ދުނިޔޭގައި މިހާރު ގެންގުޅޭ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އާ ރަންވޭގެ އިތުރުން މި މަޝްރޫއުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ. އާ ރަންވޭ އަޅާ ބީޔޫސީޖީން ބިން ހިއްކަން ފެށީ އެއް ޑްރެޖަރުންނެވެ. އަދި އެ ޕްރޮޖެކްޓަށް ފަހުން އިތުރު ދެ ޑްރެޖަރު ގެނެސް، އެއް ފަހަރާ ތިން ޑްރެޖަރުން އަންނަނީ ބިން ހިއްކަމުންނެވެ. މި މަސައްކަތް ނިމޭއިރު، އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެން ދާނެ އެވެ. މި މަޝްރޫއު ނިމި، އާ ރަންވޭ ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.