އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޮވިއްޖެ އެވެ.

އެއީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން އެކުލަވާލާ ލިސްޓެކެވެ. އެ ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް "އޭޝިއާ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް"ގެ ނަމުގައި ޚާއްސަ އެވޯޑެއް ވެސް ވަނީ ދީފަ އެވެ.

ލިސްޓުގައި ހިމެނުނު ކުންފުނިތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ސިންގަޕޫރުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ހެޑް އޮފް ހިއުމަން ރިސޯސަސް އަހުމަދު އިބްރާހީމް އެވެ.

އެވޯޑް ދިނުމުގެ ރަސްމިއްތާތުގައި ފަނޑިޔާރުންގެ ޕެނަލް އިން ބުނީ ބީއެމްއެލް މި ލިސްޓުގައި ހިމެނިފައިވަނީ، ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުމުގެ އިތުރުން ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް އެ ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ބީއެމްއެލް އަކީ މި އެވޯޑް ލިބުނު ދިވެހި ފުރަތަމަ ކުންފުންޏެވެ.

އޭޝިއާ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑަކީ ވަރަށް ޝަރަފުވެރި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އެވޯޑެކެވެ. އެވޯޑް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސަރަހައްދުގެ އެކި ގައުމުތަކުން 300 އަށް ވުރެ ގިނަ އެޗްއާރު ޕްރޮފެޝަނަލުން ވަނީ ބައިވެރިފަ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އެ ކުންފުނީގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށް، އެ ކުންފުނިން ވަނީ ބުނެފަ އެވެ.