މީރާ އަކީ އެހެން މުއައްސަސާތަކަށް ނަމޫނާ ތަނެއް: ނައިބު ރައީސް

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ ޚިދުމަތުގެ މައިދާނުގައި ދައުލަތުގެ އެހެން މުއައްސަސާތަކަށް ނަމޫނާ ތަނެއް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.


މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، މީރާގެ ޚިދުމަތަށް ތައުރީފު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެއީ އެހެން މުއައްސަސާތަކަށް ނަމޫނާ އިދާރާ އަކަށް ވަނީ އެތަނުގެ މުވައްޒަފުންނަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ ބަޔަކަށް ވާތީ ކަމަށެވެ.

"ދިވެހި ގައުމަކީ ދިވެހި އެންމެހައި ދަރިންގެ ގައުމެއް. ގައުމު ބިނާކުރަމުން މިދަނީ އެންމެންގެ ހިއްސާ ހިމެނިގެން. ދިވެހި ފަރުދުން ކުރާ ވިޔަފާރީގެ މުއާމަލާތުތަކުން ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ސަރުކާރާ ރައްްޔިތުން ބައިވެރިވޭ. އެހެންވީމަ ރައްޔިތުންގެ ހިއްސާ ދައުލަތް ބިނާކުރުމުގައި ވަރަށް ބޮޑު،" ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް މިހާރަށް ވުރެ ބޮޑަށް މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ވަކި ފަރާތެއް ތަފާތު ނުކޮށް އެންމެން ހަމަހަމަކޮށް މިހާރަށް ވުރެ ހީވާގިކޮށް މަސައްކަތް ކުރުމަށް މި ފުރުސަތުގައި ތިޔަ ލޮބުވެތި މުވައްޒަފުންނަށް ދަންނަވަން."

ޖިހާދު ވިދާޅުވީ މީރާގެ ޚިދުމަތަކީ ފައިސާއާ ގުޅޭ ޚިދުމަތަކަށް ވުމުން ކަމާ ގުޅުން ހުރި ލިޔެކިޔުންތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ފައިސާ މެދުވެރިކޮށް ޚިދުމަތް ދޭ ފަރާތްތަކުން އޭގެ ހިސާބުތައް ވީހާ ވެސް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. ފައިސާ ދައްކާ ފަރާތްތައް ބޭނުންވެއްޖެ ހާލަތެއްގައި މީރާގެ އޮޑިޓަރުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް،" ފިނޭންސް މިނިސްޓަރުކަމާއި ސެންޓްރަލް ބޭންކު، އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.

މީރާގެ ހަތްވަނަ އަހަރީ ދުވަހުގެ ހަފުލާގައި ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މީރާ އަކީ ގައުމަށް ވަރަށް ބޭނުންތެރި ވަރަށް ބޮޑު މަސައްކަތެއް ކުރާ އިދާރާ އެކެވެ.

"އާދައިގެ މީހެއްގެ ވެސް ދިރިއުޅުން ބިނާވެގެން އަންނަނީ އޭނާ އަށް ލިބޭ އާމްދަނީން. ހަމަ އެގޮތަށް ގައުމެއްގައި ވެސް އެ ގައުމެއް ކުރިއަރަން ބޭނުން ކަމަށް ވަންޏާ ގައުމަށް ލިބޭ އާމްދަނީން އެކަން ކުރިއަށް ގެންދެވޭނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ގައުމު ތަރައްގީގެ ހަރުފަތުގައި އާދަޔާ ޚިލާފު މިންތަކަށް ވާސިލްވަމުން އަންނަ ތަން ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ސަރަހައްދުތަކުގައި ބިން ހިއްކުމާއި އެ ތަންތަން އާރާސްތުކުރުމާއި ވައިގެ ބަނދަރުތައް ހެދުމާއި މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން އަންނަ ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

"މީރާ އަށް ލިބޭ އާމްދަނީން ކުރަމުން އަންނަ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ކައިރިން ފެންނަމުން ދަނީ. އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ވަނީ އުސް ހަރުފަތްތަކެއް ގިރާކޮށްފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ އެކި މަސައްކަތްތަކަށް ދައުލަތުން ކުރާ މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރާ ނުބައްދަލު މިންވަރަކަށް ދައުލަތުގެ ބަޖެޓުން ހޭދަކުރަމުން އަންނަ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ހަމައެކަނި ދައުލަތަށް ލިބޭ އާމްދަނީއަކުން ނޫން. ބޭރުގެ ފަރާތްތަކުގެ އެހީ ވެސް ލިބިގެން ކުރަނީ. މިއަދު ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އަކީ މުޅި ރާއްޖެ އަށް ފެތުރިފައިވާ އެޖެންޑާއެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އަކީ އެއްވެސް ވިޔަފާރިއެއް ބާކީ ނުކޮށް ހިންގާ އެޖެންޑާއެއް ކަމަށެވެ. އަދި އެއީ އިތުރު އިންވެސްޓްމަންޓްތަކެއް ގެންނަން ހިމަނާފައިވާ އެޖެންޑާއެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ޝައްކެތް ނެތް ތަރައްގީ ކުރެވޭނީ ޚަރަދު ކޮށްގެން. މި ހުރިހާ ކަމެއް އަމާޒު ކުރެވިފައި ވަނީ ދިވެހި ގައުމުގެ ތަރައްގީ އަށް. އަދަށް ވުރެ ފަސޭހަ މާދަމައެއް ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ވެވޭނީ ފުދުންތެރި ބަޔަކަށް ވެގެން ކަމަށެވެ. އަދި ފުދުންތެރި ގައުމަކަށް ވެވޭނީ އުފެއްދުންތެރި ގައުމަކަށް ވެގެން ކަމަށް ވެސް ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.