ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ 100 ޕްލަސް އިން ރާއްޖެ އަށް އިތުރު ރަހަތަކެއް ތައާރަފް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

އާ ރަހަތައް މާކެޓަށް ނެރުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތްތަކާއި އެކުގަ އެވެ. "ކެރޭނެތަ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގައި ސްކައި ރޮކް ބޭންޑާއި، މަޝްހޫރު ބޮޑުބެރު ބޭންޑް 1438ގެ ފޯރިގަދަ ހަރަކާތްތައް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

"އިވެންޓްގެ މެއިން ކޮންސެޕްޓަކީ ހުރިހާ ޕާޓްނަރުން ވަކިވަކިން ކަސްރަތު ހަރަކާތްތައް ބޭއްވުން. އެގޮތުން ލައިވް ފިޓްނަސް ޗެލެންޖްތަކާއި، ވޯކްއައުޓާއި، ޒުންބާ ފަދަ ހަރަކާތްތައް ހިމެނޭނެ. މި ހަރަކާތްތަކުގައި ހުރިހާ މީހުން ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައި ހުންނާނީ،" އިވެންޓާ ގުޅޭގޮތުން 100 ޕްލަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަލަށް ތައާރަފްކުރާ ރަހަތަކަކީ ބެރީ އަދި އެކްޓިވް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި ހަރަކާތަކީ، 100 ޕްލަސް އިން މި އަހަރަށް ރާވާފައިވާ ތިން އިވެންޓްގެ ތެރެއިން އެންމެ ފަހު އިވެންޓް ކަމަށެވެ.

މި އިވެންޓްގެ ޕާޓްނަރުންނަކީ ހީޓް ހެލްތް އެންޑް ފިޓްނަސް، މާލޭ ފިޓްނަސް ކްލަބް، ރިވައިވް ފިޓްނަސް، ޓްރެއިން ވިތް ކައި އަދި ހާފް ކޯޓް މޯލްޑިވްސް އެވެ.

އިވެންޓް ކުރިއަށްދާ ވަގުތު އެ ސަރަހައްދުން 100 ޕްލަސް ރަހަބެލުން ވެސް އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސުވާލުތަކަށް ޖަވާބުދިނުމާއި، ލަކީޑްރޯ ނެގުން ފަދަ އެތައް ކަމެއް އޮންނާނެ އެވެ.