ސަރުކާރުން އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކައިފި

ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން އިތުރު 50 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކައިފި އެވެ.


"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން އިތުރު ބޮންޑެއް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކީ މިދިޔަ މަހު އެވެ. ނަމަވެސް ސަރުކާރުން އެކަން އޮތީ ސިއްރުކޮށްފަ އެވެ.

ސަރުކާރުން މިފަހަރު ވިއްކި ބޮންޑަކީ މިދިޔަ އަހަރުގެ މޭ މަހު ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ބައިނަލްއަގްވާމީ ބާޒާރަށް ވިއްކި 200 މިލިއަން ޑޮލަރުގެ ބޮންޑަށް ފަހު ހިންގި ފުރަތަމަ މުއާމަލާތެވެ. މި ފަހަރުގެ ބޮންޑް ވިއްކުމަށް އެހީތެރިވެ ދިނީ ހޮންގޮކޮންގްގެ ކުންފުންޏެއް ކަމަށްވާ ބޯކޮމް އިންޓަނޭޝަނަލް ހޮލްޑިން އެވެ. އެ ބޮންޑް ވިއްކާފައި ވަނީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހަތް ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ އެވެ.

އެ ބޮންޑު ވިއްކި ބޭނުމާއި ވިއްކީ ކޮން ތަނެއްގައި ކަމެއް ވެސް ފިނޭންސް މިނިސްޓްރީން ސާފުވާ ގޮތެއް ނުވި އެވެ.

ސަރުކާރުން ވަނީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ. އަދި އެ ފައިސާ ޚަރަދު ކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑް ވިއްކައިގެން ޚަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައި ވެ އެވެ. ނަމަވެސް މިފަހަރު ވިއްކި ބޮންޑަކީ ބަޖެޓްގައި ކަނޑައެޅި ބޮންޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.