ވެލާނާ އެއާޕޯޓު ތަރައްގީ ވެގެން އަންނައިރު ރީތި، ފެހި ތަނަކަށް ހަދަންޖެހޭ: މިނިސްޓަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރާއިރު، އެއީ ފެހި ތަނަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ މުހިންމު މަޝްރޫއުތަކެއް މި އަހަރު ނިމޭއިރު، އެއީ ޒީނަތްތެރިކޮށް އަދި ފެހިކުރަން ޖެހޭ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް މި އެއާޕޯޓުގެ ތަރައްގީގައި، މި އެއާޕޯޓަކީ ވަރަށް ރީތި، ޒީނަތްތެރި ތަނަކަށް ވެސް ހެއްދެވުން. މިހާރު ވަރަށް ހީވާގި ކަމާއެކު ވަކި ޓީމެއް ނެގިގެން އެމްޑީގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރޭ އެއާޕޯޓު ފެހިކުރުމުގެ މަޝްރޫއަށް. އެކަން ކުރަން ޖެހޭ އެއާޕޯޓު ތަރައްގީ ވެގެން އަންނައިރު،" ވަޒީރުންގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވިގޮތުގައި، ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ސީ ޕްލޭން ޓާމިނަލްގެ އޮޕަރޭޝަން މި އަހަރު ފަށާއިރު، ދެވަނަ ރަންވޭގެ މަސައްކަތް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި ބޭނުންކުރަން ފެށޭނެ އެވެ.

"އަޅުގަނޑުމެންގެ ގައުމުން މި އެއާޕޯޓު ބޭނުންކުރާ ރައްޔިތުންނަށް އެއާޕޯޓުގެ މުވައްޒަފުން ފޯރުކޮށްދޭން ޖެހޭ ކޮންމެ ހިދުމަތަކީ އޯގާތެރިކަމާއެކު ރީތި، މި ޒަމާނުގެ ފެންވަރަށް ފޯރުކޮށްދެވޭ ހިދުމަތްތަކަށް ހެދުން އެއީ ކުރެވޭ ކުޑަ އިންވެސްޓްމަންޓެއް ނޫން. އެއާޕޯޓުގެ ރަންވޭ އެތައް ގުނައެއް ބޮޑުވެގެން ދަނީ، ޓާމިނަލް އެތައް ގުނައެއް ބޮޑުވެގެން ދަނީ. މި ހުރިހާ ވަސީލަތްތަކެއް މި އަންނަނީ ނިމެމުން،" އެއާޕޯޓުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ކުރިމަގުގައި ބިޔަ ޓޫރިސްޓް އާބާދީއަކަށް މަރުހަބާ ކިޔާނެ ގައުމެއް ކަމަށެވެ. އެހެންވެ، ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މުވައްޒަފުން ތަމްރީން ކުރަން، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުރި ތަމްރީނު ދޭ މަރުކަޒުތަކާއި ކޮލެޖް އަދި ޔުނިވަސިޓީތަކަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމްގެ ސްޕީޑް ކުރިއަށް އޮތްތަނުގައި އިތުރު ކުރަން ޖެހޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ވެލާނާ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ ސީޕްލޭން އޮޕަރޭޝަނުގައި ދުވާލަކު ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ ހަރަކާތް ހިނގާ ކަމަށެވެ.