ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އެ ފަންޑުގެ އިސް ބޭފުޅުންނާ އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.


ސައުދީ އަރިބިއްޔާގެ ރިޔާޒްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އެއް ދުވަހުގެ އެ ދަތުރަށް ފަހު މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެ ދަތުރާ ބެހޭ ތަފުސީލް ހޯދުމަށް "މިހާރު" އިން ތަކުރާރުކޮށް ފޯނުކޮށް އަދި މެސެޖް ކުރި ނަމަވެސް މިނިސްޓަރު މުނައްވަރު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު (ވ) އަދި ސައުދީގައި ހުންނަވާ ދިވެހި ސަފީރާ ބައްދަލުކުރައްވަނީ.

ސައުދީ ފަންޑުގެ އެހީގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މުނައްވަރު ސައުދީއަށް ވަޑައިގެންނެވިއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސައުދީ ފަންޑުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް 260 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދޭން ނިންމައިފަ އެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް މަޝްރޫއުތައް ހިންގަން 80 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ.

އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ސައުދީ ފަންޑުން ލޯނު ދިން ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތެއް މިހާތަނަށް ފަށާފައެއް ނުވެ އެވެ.