ޓޫރިސްޓުން ނުލިބޭތީ ކޮންޑޯގެ ދަތުރުތައް މެދުކަނޑާލައިފި

ރާއްޖެ އަށް މެދުނުކެނޑި ދަތުރުކުރާތާ 37 އަހަރު ފަހުން، އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނުލިބޭތީ ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ފުރަތަމަ ފަހަރަށް މެދުކަނޑާލައިފި އެވެ.


އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް، ޔުނިވާސަލް ޓްރެވަލް ސާވިސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކޮންޑޯ އިން ފްރެންކްފަޓާއި މާލެއާ ދެމެދު ކުރާ ދަތުރުތައް އިއްޔެ އިން ފެށިގެން މެދުކަނޑައިލީ އެކަށީގެންވާ މިންވަރަށް ޓޫރިސްޓުން ނުލިބޭތީ އެވެ.

"މިއީ އެ އެއާލައިން ރާއްޖެ އަށް ދަތުރުތައް ފެށިފަހުން ޓޫރިސްޓުން ނުލިބިގެން ސަމާ [ހޫނު މޫސުން] ގައި މެދުކަނޑައިލި ފުރަތަމަ ފަހަރު. މީގެ ކުރިން ސަމާގައި އޮންނާނެ ހަފުތާއަކު އެއް ފްލައިޓް،" އޭނާ ވިދާޅުވި އެވެ.

"ދެން އަލުން ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރު 29ގައި."

މީގެ 37 އަހަރު ކުރިން 1981 ވަނަ އަހަރުން ފެށިގެން ޖަރުމަނުން ރާއްޖެ އަށް ދަތުރުކުރާ އެއާލައިނުން މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ހަފުތާއަކު ތިން ދަތުރުކުރި އެވެ.

ޖަރުމަނުގެ ލުފްތާންސާ އެއާލައިންގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ކޮންޑޯގެ ދަތުރުތައް މެދުކަނޑާލިއިރު ލުފްތާންސާގެ ދަތުރުތައް ވެސް ހޫނު މޫސުމާ ދިމާކޮށް މިއަދުން ފެށިގެން މެދުކަނޑާލާފައި. ފޮޓޯ: ފައިޒާން މުހައްމަދު

ކޮންޑޯގެ ދަތުރުތައް މެދުކަނޑައިލި އިރު، ފްރެންކްފަޓުން އަންނަ ލުފްތާންސާ އެއާލައިނުން ވެސް ވަނީ ހޫނު މޫސުމާ ދިމާކޮށް މިއަދުން ފެށިގެން ދަތުރުތައް މެދުކަނޑާލައިފަ އެވެ.

ޖަރުމަނުން ރާއްޖެ އަށް ދަތުރުކުރާ ދެ އެއާލައިނުން ހޫނު މޫސުމާ ދިމާކޮށް ދަތުރުތައް މެދުކަނޑައިލި އިރު، ސިޔާސީ ގޮތުން ރާއްޖެ މިހާރު އޮތް ހާލަތާ ހެދި، ޔޫރަޕްގެ ބޮޑެތި އެއާލައިންތަކުން ކުރިއަށް އޮތް ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އަށް ބާއްވާ ދަތުރުތައް ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކެއް އިވިވަޑައިގެންފައިވާ ކަމަށް ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮއާން ރޯޑް މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުން ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެންގުމުން، ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާ ކަމަށް ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން ބުނެފައިވެ އެވެ.