ސިޔާސީ ގޮތުން ރާއްޖެ މިހާރު އޮތް ހާލަތާ ހެދި، ޔޫރަޕްގެ ބޮޑެތި އެއާލައިންތަކުން ކުރިއަށް އޮތް ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އަށް ބާއްވާ ދަތުރުތައް ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކެއް އިވިވަޑައިގެންފައިވާ ކަމަށް ކަމަށް ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮއާން ރޯޑް ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދޭން މަސައްކަތް ނުކުރާ ނަމަ ލިބިދާނެ ގެއްލުންތައް ބޮޑު ކަމަށެވެ.
"އެހެންވެ ހައްލަކީ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، ސިޔާސީ ގޮތުން ރާއްޖެ ހަމަ މަގަށް އެޅުވުން،" ރޯޑް ވިދާޅުވި އެވެ. "އެހެން ނޫނީ މީގެ ސަބަބުން ރާއްޖެ އަށް ގެއްލުންތައް ކުރިމަތި ވާނެ."
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ޓޫރިސްޓުން ނައިސް ހުއްޓާލުމަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުތިމަތިލާން ޖެހި، ރާއްޖޭގެ އިގުތިސާދު ވެސް ހަލާކު ވެދާނެ ކަމެކެވެ.
ރޯޑް ފާހަގަ ކުރެއްވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވައިލި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އަދިވެސް ތިބީ ސިޔާސީ ތުހުމަތަކެއްގައި ޖަލުގައި ބަންދުގަ އެވެ.
އެއާލައިންތަކެއް ހުއްޓާލަފާނެ ކަމަށް ވިދާޅުވެ ޖަރުމަންގެ ސަފީރު ވާހަކަ ދެއްކެވި އިރު، އީޔޫން ވަނީ ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
އީޔޫގެ ކައުންސިލުން މިދިޔަ މަހު ފާސްކުރި ގަރާރުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު ވެސް އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.