މިދިޔަ މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖު ލިބުނީ ޝެވަލް ބްލޮންކްގެ މުވައްޒަފުންނަށް

ސާވިސް ޗާޖުގެ ގޮތުގައި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހު 1608.5 ޑޮލަރު (24،797.6ރ.) ބަހައިފި އެވެ.


ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓްގައިވާ ގޮތުން ފެބްރުއަރީ މަހާއި މާޗް މަހު ވެސް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ އެ ރިސޯޓުންނެވެ. ފެބްރުއަރީ 2،070.80 ޑޮލަރު (31،931.7ރ.) ބެހިއިރު މާޗް މަހު ވެސް އެ ރިސޯޓުން 1،483 ޑޮލަރު (22،867ރ) ބަހާފައިވެ އެވެ. އެ ރިސޯޓަކީ އާއްމުކޮށް މަހުޖަނުންނާއި މަޝްހޫރު ފަންނާނުން ޗުއްޓީ ހޭދަކުރަން އަންނަ ރާއްޖޭގެ އެންމެ އަގު ބޮޑު އެއް ރިސޯޓެވެ.

ނ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓުން އެންމެ ބޮޑު އަދަދެއް ބެހިއިރު ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ބެހީ އެ އަތޮޅުގައި ހިންގާ ލަގްޒަރީ ރިސޯޓެއް ކަމަށް ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ވެސް ކޮންމެ މުވައްޒަފަކަށް 1،484.5 ޑޮލަރު (22،890ރ) ބެހި ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު އަދަދެއް އޭޕްރިލް މަހު ބަހާފައި ވަނީ މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،333 ޑޮލަރު (20،554ރ.) ބަހާފައިވާ ކަމަށް ސާވިސް ޗާޖު ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ މަހު 1000 ޑޮލަރަށް ވުރެ މަތިން ސާވިސް ޗާޖު ބަހާފައި ވަނީ ހަތް ރިސޯޓަކުންނެވެ. އެކަމަކު މީގެ ތެރޭގައި ދިވެހި ކުންފުންޏަކުން ހިންގާ އެއްވެސް ރިސޯޓެއް ނުހިމެނެ އެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގަ އެވެ. އޭގެ ތެރެއިން އެކި ރިސޯޓުތަކުން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.