އަންނަ އާދީއްތަ ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމާފައި ވިޔަސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް އެ ދުވަހު ހުޅުވާނެ ކަމަށް ބުނެފި އެވެ.
މަރުކަޒީ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާދީއްތަ ދުވަހު އެމްއެމްއޭ އާއި ބޭންކުތައް ހުޅުވަން ނިންމީ ސަރުކާރު ބަންދު ދުވަސްތައް ޖެހިޖެހިގެން ފަސް ދުވަހު ބަންދު ވެއްޖެ ނަމަ ހަވަނަ ދުވަހު ހުޅުވާ ގޮތަށް ނިންމާފައިވާ އުސޫލުގެ ދަށުން ކަމަށެވެ.
"އެއްފަހަރާ ގިނަ ދުވަސްވަންދެން ބަންދުކޮށްފައި އޮތުމުން ވިޔަފާރިވެރިންނަށާއި އާއްމު ރައްޔިތުންނަށް ދަތިތަކާ ދިމާވެދާނެތީ ފަސޭހަކޮށްދިނުމުގެ ގޮތުން. އެގޮތުން އަންނަ އާދީއްތަ ދުވަހު މި އޮތޯރިޓީ އާއި ބޭންކުތައް ހުޅުވަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ އޮތޯރިޓީ ބޭންކުތަކުގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކާއި އެޗްޑީއެފްސީ އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ ވެސް އެ ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިނިވަން ދުވަހާ ދިމާކޮށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ.