ރެޑްވޭވުން ރާއްޖޭގެ އެންމެ ބޮޑު ފިހާރަ ހުޅުމާލޭގައި ހުޅުވަނީ

ރާއްޖޭގެ އެންމެ ބޮޑު ފިހާރަ، ރެޑްވޭވުން ހުޅުމާލޭގައި އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.


އެ ކުންފުނީގެ މެނޭޖަރު އަލީ ޝަހީމް (އައްޔު) މިއަދު ވިދާޅުވީ "ރެޑްވޭވް މެގަ މޯލް"ގެ ނަމުގައި ހުޅުމާލޭގެ ހިތިގަސްމަގުގައި ހަތަރު ބުރިއަށް ހެދި ފިހާރައިން ކާބޯތަކެއްޗާއި ބަދިގެ އަށް ބޭނުންވާ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ފިހާރަ ހުންނަނީ ހުޅުމާލޭ ދުވާ ޓްރެކް ދަނޑު ކުރިމަތީގަ އެވެ.

މިހާރު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާކުރިކުރާ ކުންފުނިން ބުނީ ހުޅުމާލޭގައި އަލަށް ހުޅުވާ ފިހާރާގައި ލައްކައަކަށް ވުރެ ގިނަ އައިޓަމް ލިބެން ހުންނާނެ ކަމަށެވެ. ފިހާރައިގެ ފުރަތަމަ ފްލޯއަށް އަރައި ފޭބުމަށް ދެ އެކްސްކަލޭޓަރު ވެސް ވަނީ ހަރުކޮށްފަ އެވެ. އޭގެ އިތުރުން ގްރައުންޑް ފްލޯއިން ފެށިގެން ހުރިހާ ފްލޯއަކަށް އަރަން ލިފްޓް ވެސް ބަހައްޓާފައިވެ އެވެ.

ހުޅުމާލޭގައި އަލަށް ހަދާ ރެޑްވޭވްގެ މެގަ މޯލް: މިތަނުގައި އެއްލައްކައަށް ވުރެ ގިނަ އައިޓަމް ލިބެން ހުންނާނެ

"މިއީ ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު ފިހާރައަށް ވާނެ. މިތަނުން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ. އަޅުގަނޑުމެންގެ ބޭނުމަކީ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ލިބޭނެ ގޮތް ހެދުން،" އައްޔު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 8،000 އަކަފޫޓު ބިމެއްގައި ހެދި ފިހާރައިގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ އިލެކްޓްރޯނިކް ސާމާނަށް ކަމަށެވެ. ފުރަތަމަ ފްލޯ ކެއިން ބުއިމުގެ ސާމާނަށް ހާއްސަކޮށްފައިވާއިރު ދެވަނަ ފްލޯ އަދި ތިން ވަނަ ފްލޯގައި ހުންނަނީ ފަރުނީޗަރެވެ.

"ފަރުނީޗަރަށް އެންމެ މަތީ ދެ ފްލޯ ހާއްސަކޮށްފައިވާނީ. އޭގެ ތެރެއިން އެއް ފްލޯގައި ހުންނާނީ މުޅިން ބެޑް ރޫމް ސެޓް. އެގޮތުން 60 ވައްތަރުގެ އެންމެ ހައި ކޮލިޓީ ބެޑްރޫމް ސެޓް ލިބެން ހުންނާނެ،" އައްޔު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަލަށް ހަދާ ރެޑްވޭވްގެ މެގަ މޯލް: މިތަނުގެ ފުރަތަމަ ފްލޯއަށް އަރަން ދެ އެކްސްކަލޭޓަރު ހަރުކޮށްފައި ހުރޭ.

އޭނާ ވިދާޅުވީ އެ ފިހާރައިން އެންމެ މަތީ ފެންވަރުގެ ފަރުނީޗަރުން ފެށިގެން އެންމެ އާދައިގެ މީހުންނަށް ގަނެވޭ ފެންވަރުގެ ފަރުނީޗަރު ވެސް ލިބެން ހުންނާނެ ކަމަށެވެ.

"މީގެ އިތުރުން އެކި ބޭނުންތަކެއް ކުރެވޭ ކަހަލަ ފަރުނީޗަރު ވެސް ހުންނާނެ. ދުނިޔޭގެ ނަން ހިނގާ ހުރިހާ މަޝްހޫރު ބްރޭންޑެއްގެ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނު ވެސް ލިބެން ހުންނާނެ،" އައްޔު ވިދާޅުވި އެވެ.

މިއީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވާ ދެވަނަ ފިހާރަ އެވެ. މީގެ ކުރިން 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި "ރެޑްވޭވް ސިޓީ ސްކެއާ" ހުޅުވީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ.