"ޕޭޔާ" ނަމުގައި މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ދިވެހިން އާންމުކޮށް ބޭނުން ކުރާ ހިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ ގޮތަށް "ޕޭޔާ" ނަމުގައި ދިވެހި ފުރަތަމަ މޮބައިލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.


ޕޭޔާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް ވިދާޅުވީ އެޕްލިކޭޝަންގެ މަގްސަދަކީ ހުރިހާ ޕޭމަންޓެއް ފަސޭހަކަމާއެކު ދެއްކޭނެ މަގުފަހިކޮށް ދިނުން ކަމަށެވެ. އެގޮތުން، މިއަދުން ފެށިގެން ރާސްޓަސް، ރީލޯޑް، އަދި އޫރިދޫގެ ބިލްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ލަވަފޮށި، އައިޓިއުންސް، ގޫގަލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓް ކާޑުތައް ގަންނަން ލިބޭނެ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެޕްލިކޭޝަން މެދުވެރިކޮށް، ކަރަންޓާއި ފެން ބިލާއި އެހެން ބައެއް ހިދުމަތްތައް ވެސް ލިބިގެންދާނެ އެވެ.

ހާރިސް ވިދާޅުވި އެ ކުންފުނީގެ އެންމެ ބޮޑު އުންމީދަކީ، ދުނިޔޭގެ އެންމެ މަގުބޫލް ޕޭމަންޓް އެޕްލިކޭޝަންތައް ކަމުގައިވާ އެލީޕޭ، ވީޗެޓްޕޭ ފެންވަރުގެ ހިދުމަތެއް ރާއްޖެއަށް ތައާރަފްކުރުމެވެ.

ހާރިސް ވިދާޅުވި ގޮތުގައި އެޕްލިކޭޝަންގެ ސަބަބުން ބިލް ދައްކަން ކިއުގައި ޖެހުމުގެ ސަގާފަތް ނައްތާލައި ބިލްތައް ދައްކަން އެތައް އެޕްލިކޭޝަނެއް އެޅުމުގެ ބޭނުން ވެސް އެއްކޮށް ކެނޑިގެންދާނެ އެވެ.

ޕޭޔާ އިން ބުނީ އެޕްލިކޭޝަން ގޫގަލް ޕްލޭ ސްޓޯރާއި އެޕަލް އެޕްސްޓޯ އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.