މަސްވެރިކަމާއި ދަނޑުވެރިކަމަށް ހަތަރު ލައްކައާ ހަމައަށް ލޯނު ދޫކުރަނީ

މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށް ލޯނަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުުވާލައިފި އެވެ.


ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވާސިފިކޭޝަން ޕްރޮގްރާމްގެ ބައިވެރިންނަށް ލޯން ލިބޭއިރު، މިފަހަރު ދޫކުރަނީ އެއް ލައްކަ ރުފިޔާ އާއި ހަތަރު ލައްކައާ ދެމެދުގެ ލޯނެވެ.

މި ލޯނުތައް އަނބުރާ އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ކަމަށާއި ލޯނުތަކުގެ އިންޓްރަސްޓް ރޭޓަކީ ހަ ޕަސެންޓް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މި މުއްދަތު ގުނާނީ ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހު އެވެ.

މިނިސްޓްރީން ބުނީ ގްރޭސް ޕީރިއަޑްގައި ދައްކަން ޖެހޭނީ ހަމައެކަނި އިންޓަރެސްޓަށް ވާ ފައިސާ ކަމަށެވެ.

ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 22 އާ ހަމައަށް އޮންނާނެ އެވެ.

މިހާރު ހިންގާ ޕްރޮގްރާމްގެ ބައިވެރިންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކޯޕަރޭޓިވް ސޮސައިޓީތަކާއި އެ ސޮސައިޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އެ ސޮސައިޓީތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތައް ސަޕްލައިކުރާ ފަރާތްތަކަށް ވެސް މި ލޯނު ދޫކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ކޯޕަރޭޓިވް ސޮސައިޓީތައް ހިމެނޭ އަތޮޅެއްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ނުވަތަ މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ވެސް ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގަނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓްގެ ލޯން އެހީގަ އެވެ.