މަސް އެކްސްޕޯޓްކޮށްގެން 21.8 މިލިއަން ޑޮލަރު ލިބިއްޖެ

މަސް އެކްސްޕޯޓްކޮށްގެން މާޗު މަހު 21.8 މިލިއަން ޑޮލަރު (336 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިއްޖެ އެވެ.


މޯލްޑިްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާޗު މަހު މަސް އެކްޕޯޓް ކޮށްފައިވާ މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީއަށް ވުރެ 6.7 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިދިިޔަ އަހަރުގެ މާޗު މަހު މަސް އެކްސްޕޯޓުކޮށްގެން ލިބުނީ 15.1 މިލިއަން ޑޮލަރު (232 މިލިއަން ރުފިޔާ) އެވެ.

ރާއްޖޭގެ ބާޒާރުގައި މަހުގެ އަގުތަކަށް ބަލާ އިރު މާޗު މަހު ކަޅުބިލަ މަހެއްގެ އަގު އުޅުނީ ކިލޯއެއް 18ރ. އަށެވެ. ކަންނެއްޏެއްގެ އަގު އުޅުނީ ކިލޯއެއް 47ރ. އަށެވެ. އަދި ފިނިކުރި ކަނޑު މަސް ކިލޯއެއް އުޅުނީ 20ރ. އަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ބާޒާރުގައި ކަޅުބިލަ މަހެއްގެ އަގު އުޅުނީ 23ރ. އަށެވެ. ކަންނެލި މަހުގެ ކިލޯއެއް އުޅުނީ 196ރ. އަށެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު މަސް އެކްސްޕޯޓުކޮށްގެން 50.3 މިލިއަން ޑޮލަރު (775 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.