ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށް ހުޅުވައިފި

ގއ. އަތޮޅުގައި ހުޅުވި ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށް ހުޅުވުމާ އެކު އެ ރިސޯޓަށް ޓޫރިސްޓުން ދާން ފަށައިފި އެވެ.


އެ ރިސޯޓުގެ އެންމެ ފުރަތަމަ ޓޫރިސްޓް އިއްޔެ ގޮސްފައިވާ މިއީ ސެނިޒާރޯ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހުޅުވި ދެ ވަނަ ރިސޯޓެވެ. ހޮޓެލް އިންޑަސްޓްރީގައި މަޝްހޫރު ސެނިޒާރޯ އިން ހުޅުވި އެންމެ ފުރަތަމަ ރިސޯޓަކީ ފަޅުމާފުއްޓެވެ. ދިގުރަށާއި ފަޅުމާފުށި ވަނީ ފާލަމަކުން ގުޅާލައިފަ އެވެ.

އަލަށް ހުޅުވި ދިގުރަށަށް ދިޔުމަށް "އޯޕަނިން އޮފާ"ގެ ގޮތުގައި ހާއްސަ ޑިސްކައުންޓްތަކެއް އަންނަނީ ދެމުންނެވެ. އެގޮތުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ. އެ ރިސޯޓުގައި 173 ވިލާ ހިމެނެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާތައް ވެސް ހިމެނެ އެވެ.

މޯލްޑިވްސް ދިގުރަށުގެ ވިލާއެއް--ފޮޓޯ:މޯލްޑިވްސް އިންސައިޑާ

ރާއްޖޭގެ އާކިޓެކްޗާ ފެންނަ މި ރިސޯޓުގެ ރޫމްތައް ހުންނަނީ އަލިވަންނަ ގޮތަށް ޖާގަ ބޮޑުކޮށް ހަދައިފަ އެވެ. ލަގްޒަރީ މި ރިސޯޓުގައި އާއިލާތަކަށް ހާއްސަކޮށް ދެ ރޫމްގެ 12 ވިލާ ހިމެނެ އެވެ. މި ހުރިހާ ވިލާއެއްގައި ޕޫލެއް ހިމެނެ އެވެ.

ސެނިޒާރޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓާ ގެރީ ޝިއާ ވިދާޅުވީ، މި ރިސޯޓުން ރާއްޖެ އާއި ދުނިޔޭގެ އެކި ހިސާބުތަކުގެ އިހުސާސްތައް ކުރެވޭނެ ކަމަށެވެ. ދިގުރަށަކީ ސްނޯކްލިން އަށް ވަރަށް ހާއްސަ މަންޒިލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ސެނިޒާރޯ އަކީ ލަގްޒަރީ ރިސޯޓުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ކުންފުންޏެކެވެ. އެގޮތުން މޮރީޝިއަސް އާއި ޓިއުނިސް ފަދަ މަންޒިލްތަކުގައި ރިސޯޓު ހިންގަމުންދެ އެވެ.