ރާއްޖޭގެ "ލީޑިން ބީޗް ރިސޯޓް" އެވޯޑް ފުށިފަރަށް

ވޯލްޑް ޓްރެވަލް އެވޯޑް 2019 ގެ "ލީޑިން ބީޗް ރިސޯޓް" އެވޯޑް ފުށިފަރު މޯލްޑިވްސް އަށް ލިބިއްޖެ އެވެ.


ވޯލްޑް ޓްރެވަލް އެވޯޑަކީ، ޓްރެވެލް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ދަތުރުކުރާ މީހުންގެ ރޭޓިންނަށް ބަލާ ދޭ އެވޯޑެކެވެ. މި އެވޯޑަކީ ޓޫރިޒަމް ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ، "ޓޫރިޒަމް އޮސްކާސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެކެވެ.

މިދިޔަ ބުދަ ދުވަހު އެ ރިސޯޓުން ވަނީ ވަރަށް ކުލަ ގަދަކޮށް މިކަން ފާހަގަކޮށްފަ އެެވެ. އެގޮތުން މި ހަރަކާތުގައި 100 އަށް ވުރެ ގިނަ ގެސްޓުން ބައިވެރިވި އެވެ.

ފުށިފަރު ރިސޯޓުގެ ބީޗް ވިލާއެއް--ފޮޓޯ:މޯލްޑިވްސްވޯޓާވިލާ

ފުށިފަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ، މިފަދަ އެވޯޑެއް ލިބުމުން، ގެސްޓުންނަށް އެ ރިސޯޓުންދޭ އެންމެ ޒަމާނީ ހިދުމަތްތައް ޓޫރިސްޓުން ބަލައިގަންނަކަން އެނގޭ ކަމަށެވެ. އެ ރިސޯޓަށް އަންނަ ކޮންމެ މީހަކަށް، ރިސޯޓުގައި ހޭދަކުރާ ކޮންމެ ވަގުތަކީ ފާހަގަކޮށްލެވޭ ވަގުތަކަށް ހެދުމަށްޓަކައި އެ ރިސޯޓުގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުށިފަރު ރިސޯޓުގެ ބީޗް ވިލާއެއް. --ފޮޓޯ:އަގޯޑާ

ފުށިފަރު ރިސޯޓް ހުޅުވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ރިސޯޓުގައި 49 ވިލާ ހިމެނޭ އިރު އޭގެ ތެރޭގައި ބީޗް ވިލާތަކާއި ވޯޓާ ވިލާތައް ހިމެނެ އެވެ.