ތ. މަޑީފުށި ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް އެއްކޮށް ނިންމާލީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
މި ބަނދަރުގެ މަސައްކަތް 52.9 މިލިއަން ރުފިޔާ އަށް އެ ކުންފުންޏާ ހަވާލުކުރީ މާޗް 20، 2016 ގަ އެވެ. އަމަލީ މަސައްކަތް އޭގެ ހަ ދުވަސް ފަހުން ވަނީ ފަށައިފަ އެވެ.
އެމްޓީސީސީން ވަނީ ބަނދަރުގެ ރިވެޓްމަންޓުގެ މަސައްކަތާއި ބޭރު ތޮށީގެ މަސައްކަތް އަދި ވޯލް ބްލޮކްގެ މަސައްކަތް ވެސް ފުރިހަމަކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް 17 ޕްރޮޖެކްޓެއްގެ މަސައްކަތް އެމްޓީސީސީން ނިންމާފައިވާކަމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވި އެވެ. އިތުރު 38 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދެ އެވެ.