އިގްތިސާދީ ދުވެލި އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ރާއްޖެ!

ދެކުނު އޭޝިއާ ގައި ވެސް އެންމެ ބޮޑަށް އިގްތިސާދު ދަށަށް ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.


ވޯލްޑް ބޭންކުން، ސައުތު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގަ އެވެ. މި ސަރަހައްދުން ދެވަނަ އަށް އިގްތިސާދީ ދުވެލި އެންމެ ބޮޑަށް މަޑުޖެހުނީ ރާއްޖޭގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 6.8 ޕަސެންޓަށް ކުރިއަރާފައިވެ އެވެ. އެހެން ކަމުން މިއީ 1.6 ޕަސެންޓުގެ ދަށްވުމެކެވެ.

އެ ބޭންކުން ލަފާ ކުރަނީ ކުރިއަށް އޮތް ދެ އަހަރު ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާނީ މަޑު ދުވެއްޔެއް ގައި ކަމަށެވެ. އެގޮތުން، އަންނަ އަހަރު 5.5 ޕަސެންޓްގައި އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، 2021 ވަނަ އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 5.6 ޕަސެންޓުގަ އެވެ.

ރާއްޖޭގެ އިގްތިސާދު މި އަހަރު އެހާ ބޮޑަށް ދަށްވެފައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިން ނިމި، އެކަމަކު އެފަދަ އިތުރު މަސައްކަތްތަކެއް ނުފެށުމުގެ ސަބަބުންނެވެ. ވޯލްޑް ބޭންކުން ބުނީ ޓޫރިޒަމް ދާއިރާ އަންނަ އަހަރު އިތުރަށް ރަނގަޅުވެ، ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފަށައިފި ނަމަ، އަނެއްކާ ވެސް އިގްތިސާދު ކުރިއަށް ޖެހިލާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ކުރިއެރުން އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ޕާކިސްތާނެވެ. މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދު ކުރިއަރާފައި ވަނީ 5.5 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރު ނިމޭ އިރު ޕާކިސްތާނުގެ އިގްތިސާދު ކުރިއަރާނީ 3.3 ޕަސެންޓުގައި ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ސައުތު އޭޝިއާ ގައި ހިމެނެނީ އެންމެ ބާރަށް އިގްތިސާދު ކުރިއަރަމުން އަންނަ ގައުމު ތަކެވެ. އެގޮތުން އެންމެ ބާރު ސްޕީޑުގައި އިގްތިސާދު ކުރިއަރަނީ ބަންގްލަދޭޝް އާއި ނޭޕާލްގަ އެވެ. މި އަހަރު ނިމޭ އިރު ބަންގްލަދޭޝްގެ އިގްތިސާދު 8.1 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު ނޭޕާލުގެ އިގްތިސާދު 7.1 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިންޑިޔާގެ އިގްތިސާދީ ކުރިއެރުން ވަނީ ހަ ޕަސެންޓުގައި ހިފެހެއްޓިފަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިސާދު ކުރިއެރުން އެންމެ ދަށީ އަފްގާނިސްތާނާއި ސްރީ ލަންކާގަ އެވެ. މި އަހަރު ނިމޭ އިރު އަފްގާނިސްތާނުގެ އިގްތިސާދު 2.5 ޕަސެންޓަށް ކުރިއަރާ އިރު ލަންކާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރަނީ 2.7 ޕަސެންޓަށެވެ.

ދެކުނު އޭޝިއާގެ އިގްތިސާދު ދަށް ވާ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ހީނަރުކަމެވެ. މި އަހަރު ނިމޭ އިރު ދެކުނު އޭޝިއާގެ އިގްތިސާދީ ދުވެލި ހުންނާނީ 5.9 ޕަސެންޓްގަ އެވެ. މިއީ މިދިޔަ އޭޕްރީލް މަހު ލަފާކުރި ވަރަށް ވުރެ އެއް ޕަސެންޓްގެ ދަށް އަދަދެކެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދު ދައްވެފައި ވަނީ، ގައުމުތަކުން ސެންޓްރަލައިޒްޑް ނިޒާމެއް ގެންގުޅޭތީ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި ގައުމުތަށް ކުރިއެރުވުމުގައި ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ނެތް ނަމަ، އިގްތިސާދު ކުރިއަރުވަން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.