މެދުއިރުމަތީގައި ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ ދަތިތައް ދަނެގަނެ އެ ކަންކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ވަރަށް ގާތުން އަންނަނީ ބަލަމުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިވަގުތު އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދެނީ ކުރިމަތިވެދާނެ އުނދަގޫ ހާލަތަކަށް ތައްޔާރުވެ، އަވަސް ފިޔަވަޅުތަކެއް އެޅޭނެ ގޮތްތަކެއް ފަހި ކުރުމަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖެ އަށް އާންމުކޮށް ތެޔޮ އެތެރެ ކުރަމުން އަންނަނީ އޮމާނުން ކަމަށާއި ތެޔޮ ގެނައުމުގައި ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ހަމަޖެއްސުމްޓަކައި އެސްޓީއޯއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ މުޅި އިގްތިސާދު ޓޫރިޒަމް ދާއިރާ އަށް ބިނާވެފައިވާ އިރު، މެދުއިރުމަތިން އަންނަ ހުރިހާ ފްލައިޓެއް މިވަގުތު ވަނީ ކެންސަލް ވެފަ އެވެ. އެ ހާލަތު ވެސް ވަރަށް ގާތުން ބަލައި، އެކަމުގައި އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި އުނދަގޫ ހާލަތުގައި ރާއްޖޭގެ ރިޒާވް މަތިވެފައި ހުރުމަކީ، ހާލަތުން އަރައިގަތުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ.

މެދުއިރުމަތި މެދުވެރިކޮށް އެކި ގައުމުތަކަށް ފުރަން ތިބި ގާތްގަނޑަކަށް 1.400 ޓޫރިސްޓުންގެ ފްލައިޓް ކެންސަލްވެ، އެ މީހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފަ އެވެ.

ހަނގުރާމައާ ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިން، އަބޫދާބީ އާއި ދޯހާ އާއި ސައުދީ އަރަބިއްޔާއިން ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ. ދުބާއީ އާއި ދޯހާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައުމުގައި ބޭނުންކުރާ ކަނެކްޓިން މަންޒިލެވެ.