ގްރީން ޓެކްސް އިން ގެސްޓްހައުސް ވިޔަފާރި އަށް ކުރާނީ ފައިދާ: ޒަމީރު

ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުމުން އެ ސިނާއަތަށް ކުރާނީ ފައިދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.


މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ދައްކާލުމަށް ނޫސްވެރިން ހުޅުލެ އަށް ގެންދިޔަ ދަތުރުގައި ވަޑައިގެންނެވި ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ގިނަ ޓޫރިސްޓުން ބޭނުން ވަނީ ރަށުތެރޭގައި ހުސް ފަޔާ އުޅެވޭނެ ފަދަ މާހައުލެއް އޮތުމެވެ. ރިސޯޓުތަކުގައި އެކަން ކުރެވޭ ކަމަށާއި އެކަމަކު މީހުން އުޅޭ ރަށްރަށަށް އަންނަ ޓޫރިސްޓުންނަށް އެ މާހައުލު ހޯދައިދެވޭނީ އެ ރަށްރަށުގެ ގޮނޑުދޮށާއި އެ ނޫން ވެސް ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ރައްކާތެރިކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އޭންގަލުން ބަލައިފިއްޔާ މީގެ ފައިދާ ވެސް އެބަ އޮތް،" ޒަމީރު ވިދާޅުވި އެވެ.

އެހެންވެ، ގޮނޑުދޮށްތައް ހިމާޔަތް ކުރުމާއި އެ ނޫން ވެސް ތިމާވެއްޓާ ގުޅުން ހުރި މަޝްރޫއުތައް ރަށްރަށުގައި އިތުރުކުރަން އެންވަޔަރަމަންޓް މިނިސްޓްރީއާ ވާހަކަދައްކަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެފަދަ މަޝްރޫއުތަކަށް، ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް ހަރަދުކޮށްފި ނަމަ، ގެއްލުމުގެ ބަދަލުގައި ކުރާނީ ފައިދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެސްޓްހައުސް ވިޔަފާރި އަށް ގެއްލުމެއް ނުލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ-ހުޅުމާލެ އާ ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތް ބައްލަވާލައްވަން ބައެއް ވަޒީރުން އިއްޔެ ކުރެއްވި ދަތުރުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ނޮވެމްބަރު މަހު ތައާރަފް ކުރި ގްރީން ޓެކްސް މިހާތަނަށް ނަގާފައި ވަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގަން ފެށި މި ޓެކްސް ގެސްޓްހައުސްތަކުން ވެސް ނަގަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށާފަ އެވެ. އެކަމަކު، ގެސްޓްހައުސްތަކުން ނަގަނީ ތިން ޑޮލަރެވެ.

އެ ޓެކްސް ނަގަން ފެށީ އެކަމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ބަޖެޓު ރޭޓުތަކާ ވާދަ ނުކުރެވޭ ވަރަށް އަގު ބޮޑުވެ މާކެޓު ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފައިވަނިކޮށެވެ.

މީރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ޑޮލަރު (414.4 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މައްޗަށް ދިއުމުގައި ގްރީން ޓެކްސްގެ ހިއްސާ ބޮޑެވެ.