އެސްއެމްއީތަކަށް 335 މިލިއަން ރުފިޔާ ދީފިން: ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން މިހާތަނަށް 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިހާތަނަށް 301 ވިޔަފާރިއަކަށް ލޯނު ދިންއިރު މި އަހަރު ވެސް އިތުރު 450 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާނެ ކަމަށެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެސްޑީއެފްސީ ހިންގުމަށް އެމްއެމްއޭއިން ލައިންސަންސް ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. އެސްއެމްއީ ބޭންކްގެ އެންމެ ބޮޑު ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ލޯނުތައް ދިނުމާއި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމެވެ.

ވިޔަފާރިތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި އެސްއެމްއީ އިނޮވޭޝަން ފަންޑެއް މިހާރު އިފްތިތާހުކޮށްފައިވާ އިރު އެ ފަންޑުގެ ތެރެއިން ރާއްޖޭގެ ޒުވާނުންގެ އީޖާދީ ހިޔާލުތަކަށާއި އެފަދަ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ކުދި ވިޔަފާރިތަކާ އެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެ ގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު މި އަހަރުގެ އޭޕްރީލުން ފެށިގެން ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް އަންނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އިމްޕޯޓް ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ މުދާ ކްލިއާ ކުރުމަށް ގިނަ ވަގުތު ނެގުމެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ގުޅީފަޅުގައި ބައިނަލްއަގްވާމީ ފެންވަރު ބަނދަރެއް އެޅުމަށް މިދިޔަ އަހަރު ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ. ރައީސް ވިދާޅުވީ، މި ބަނދަރުގެ އަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފަށާނެ ކަމަށެވެ.