ކޮވިޑް-19: ހާލަތު ދެނެގަންނަން މަޓާޓޯ އިން ސާވޭއެއް ކުރަނީ

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން، އެ ބަލި އިތުރަށް ފެތުރުނަނުދިމަށްޓަކައި ޓޫރިޒަމް ދާއިރާ އަަށް އަމާޒުވާ ގޮތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ މި ދަނޑިވަޅުގައި، ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ކުރާ އަސަރު ދެނެގަތުމުގެ ސާވޭއެއް ކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފި އެވެ.


އެ އެސޯސިއޭޝަނުން މިއަދު ބުނީ، މިފަދަ ސާވޭއެއް ކުރުމުގެ ބޭނުމަކީ ކުންފުނިތަކަށް ކުރާ އަސަރު ދެނެގަނެ، އެ ކަމުން އަރައިގަތުމަށް ކުރާނެ ކަންކަން ހޯދުން ކަމަށެވެ. އަދި ކުންފުނިތައް ބަނގުރޫޓު ނުވެ، ދެމެހެއްޓޭނެ ގޮތްތައް ބެލުމަކީ ވެސް ސާވޭގެ ބޭނުމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މަޓާޓޯ އަކީ ރާއްޖޭގެ 70 ޓުއާ އޭޖެންޓުންނާއި އޮޕަރޭޓަރުން ތަމްސީލު ކުރާ ޖަމިއްޔާ އެކެވެ. މީގެ ތެރެއިން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް މިހާރު ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުގެ އިދާރާތަކާއި ކަމާ ގުޅޭ އިންސްޓިޓިއުޝަންތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

"ސަރުކާރު މެދުވެރިކޮށް، އެ އެސޯސިއޭޝަންގެ މެންބަރުންނަށް ހާއްސަ މާލީ ޕެކޭޖުތަކެއް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނަން،" މަޓާޓޯ އިން ބުނެ އެވެ.

މި ސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ 29 ޕަސެންޓް ދަށަށް ދާނެ ކަމަށް މަޓާޓޯ އިން ލަފާކުރެ އެވެ. މި ދުވަސްވަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1،376 ޓޫރިސްޓުންގެ ބުކިން ދަނީ ކެންސަލް ވަމުންނެވެ. މިއީ މަހެއްގެ މައްޗަށް 41،289 ބުކިންނެވެ. މި ހާލަތުގައި ކުރިމަތިވާނެ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި މިހާރަށް ވުރެ އިތުރަށް ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް މަޓާޓޯ އިން ބުނެ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ފެނުމާ ގުޅިގެން، އެ ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ބައިނަލްއަގްވާމީ ދަތުރުތަކަށް ވަރަށް ބޮޑު ބުރުލެއް އަރާފައިވާއިރު، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ދަނީ ކުރަމުންނެވެ. ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރި، ހާލަތު ގޯސްވެފައިވާ ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކަށް މީހުން އަރައި ފޭބުމާއި ގެސްޓް ހައުސްތައް ވެސް މި ވަގުތަށް ވަނީ ހުއްޓާލައިފަ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ އެއްވެސް ދިވެއްސަކު އަދި ރާއްޖެ އަކުން ނުފެނެ އެވެ. އެ ވައިރަސް ޖެހިފައިވާ 13 މީހުންގެ ތެރޭގައި މުޅިން ވެސް ތިބީ ބިދޭސީން/ޓޫރިސްޓުންނެވެ. އަދި އޭގެ ތެރެއިން ދެ މީހުންނަކީ އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ. އެ 13 މީހުން ނިސްބަތް ވަނީ އިޓަލީ އާއި ޖަރުމަނާއި އިނގިރޭސި ވިލާތާއި ތުރުކީ އަދި ސައުތު ކޮރެއާ އަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ އިޓަލީ މީހުންނެވެ. އެ ގައުމުން ރާއްޖެ އައި ނުވަ ޓޫރިސްޓަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ.