ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ގެނެސްދެނީ

މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި މަޝްހޫރު އިންޑިއާހެ ކޮންޓެންޓް ޕްރޮވައިޑަރެއް ކަމަށްވާ "ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑް" އާ ގުޅިގެން ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދައްކަން ފަށައިފި އެވެ.


ޝެމަރޫގެ "ޝެމަރޫ މީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމަށް މިހާރު ވަނީ ގެނެސްފަ އެވެ. މިއިން އިންޑިއާގެ ގިނަ ފިލްމުތަކެއް ބަލައިލެވޭނެ އެވެ. މީގެ ތެރޭގައި އިހުގެ ބޮލީވުޑް ފިލްމުތަކާއި އަލަށް ނުކުންނަ ބޮލީވުޑް ފިލްމުތަކާއި ބެންގާލީ ފިލްމްތައް ވެސް ހިމެނެ އެވެ. މި ފިލްމުތަކަކީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމުތަކެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ގޭގައި ތިބެގެން މުނިފޫހި ފިލުވަން ބޭނުންވާނެ ދުވަސްވަރަކަށް ވުމުން ބޮލީވުޑް ފިލްމުތައް ބަލައިލަން މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި ކޮންޓެންޓް ދިރާގުޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓާ އެކު ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. އެއީ މަހެއްގެ މައްޗަށް 30ރ. އެވެ.

ދިރާގު ޓީވީން ޝެމާރޫ މީ ކޮންޓެންޓު ލިބޭނީ މަހަކު 30ރ. އަށް---

ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރް ދިވާޅުވީ، ޝެމަރޫ މީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑަރެއް ދިރާގު ޓީވީއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ގުޅުމުގެ ސަބަބުން ކުންފުނީގެ ކަސްޓަމަރުން ގަޔާވާ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑުން މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ބޭނުން ގަޑިއެއްގައި، ބޭނުންތަނެއްގައި ބަލައިލެވޭނެ އެވެ. މި ޕްލެޓްފޯމް އިތުރަށް ފުޅާކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓުތައް ގެނައުމަށް ދިރާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ.