ތާޖުގެ ރިސޯޓުތައް ވެސް މި މަހުގެ 15 ގައި ހުޅުވާނެ

ތާޖު ގްރޫޕް އޮފް ހޮޓެލްސް އިން ރާއްޖޭގައި ހިންގާ، ތާޖު އެގްޒޯޓިކާ އާއި ތާޖު ކޮރަލް ރީފް މި މަހުގެ 15 ގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކަށް ފަހު، އަލުން ރިސޯޓުތައް ހުޅުވާލާއިރު ރިސޯޓުތަކުގެ ހުރިހާ މުވައްޒަފުންވެސް ތިބޭނީ ޑަބްލިއުއެޗްއޯއާއި އެޗްޕީއޭގެ މިންގަޑުތަކާ އެއްގޮތަށް ތަމްރީނު ކޮށްފައި ކަމަށެވެ. ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކު، ރިސޯޓުތަކުގައި މަސައްކަތް ކުރާއިރު ވެސް މުވައްޒަފުންނާއި ޓޫރިސްޓުންނާ ދެމެދު ސޯޝަލް ޑިސްޓެންސިން ބަހައްޓަން ޖެހޭނެ އެވެ. ޕީޕީއީ ކިޓުތަކާއި ކޮވިޑް-19އާ ގުޅިގެން ބޭނުންވާ އެހެނިހެން ސާމާނު ބޭނުން ކުރަން ތަމްރީން ކުރަން ޖެހޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ނެރުނު ގައިޑްލައިނުގައި ބުނެ އެވެ.

ތާޖުގެ ރިސޯޓުތަކުން ވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ދެމެދުގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމުގެ ގޮތުން ޗެކިން ވުމާއި ޗެކްއައުޓުވުން އޮންލައިން ކޮށްފަ އެވެ. އަދި ޓޫރިސްޓުން ރިސޯޓުން ޗެކްއައުޓްވުމާއެކު ކޮޓަރީ އާއި ލަގެޖުތައް ޑިސްއިންފެކްޓު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ގައި އަލުން ހުޅުވާލާއިރު ގިނަ އަދަދެއްގެ ރިސޯޓުތަކުން އަންނަނީ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ނެރެފައިވާ އާ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ކޮންމެ ރިސޯޓެއްގައި ކޮވިޑް ރެސްޕޮންސް ޓީމެއް އޮންނަން ވާނެ އެވެ. ޓޫރިސްޓަކު ނުވަތަ މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ ނަމަ އެ މީހަކު އައިސޮލޭޓު ކުރެވޭ ގޮތް ވެސް ހަމަޖެހިފައި ހުންނަން ވާނެ އެަވެ.