ގޭމްގެ އެސްޖީގެ މަގާމުން ސައުދުﷲ ސަސްޕެންޑް ކޮށްފި

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ސައުދުﷲ އަހުމަދު ސަސްޕެންޑް ކޮށްފި އެވެ.


އޭނާ ސަސްޕެންޑު ކޮށްފައިވަނީ މަސައްކަތުގެ މާހައުލުގައި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގަ އެވެ. މި މައްސަލަ ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ވަކި މީހެއްގެ ނަން ހާމަނުކޮށް ނާސިހު ވިދާޅުވީ އެ އެސޯސިއޭޝަނުގައި މަސައްކަތް ކުރާ ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ނުފޫޒުގެ ބޭނުންކޮށްގެން ޖިންސީ އަނިޔާގެ މައްސަލައެއް ހިންދާލަން އުޅޭ ކަމަށެވެ. އެހެންކަމުން ރައީސްގެ މަގާމުގައި ހުރެގެން އެފަދަ ފުރުސަތު ދޭން ބޭނުންނުވާތީ އިސްތިއުފަ ދެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. ސައުދުﷲ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް އެވެ.

ގޭމް ރައީސްގެ މަގާމުން ނާސިހު އިސްތިއުފާ ދިނުމުންނާއި ސައުދުﷲ މަގާމުން ވަކި ކުރުމާ ގުޅިގެން ގޭމް އިން ވަނީ އެ މަގާމުތަކަށް ވަގުތީގޮތުން މީހުން އައްޔަންކޮށްފަ އެވެ. އެގޮތުން، ރައީސްގެ މަގާމަށް އައްޔަންކޮށްފައި ވަނީ ގޭމްގެ މިހާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒެވެ. އަދި ވަގުތީ އެސްޖީއަކަށް އައްޔަންކުރީ ކޯޕަރޭޓް އެފެއާޒްގެ މަގާމުުގައި ހުންނެވި މުހައްމަދު ވާފިރު އެވެ.

ގޭމްގެ ހުސްވެފައިވާ މަގާމުތަކަށް މީިހުން އައްޔަންކޮށްފައި ވަނީ ޒޫމް މެދުވެރިކޮށް ރޭ ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ.