އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް ދިޔަ ޓޫރިސްޓް ދެ އާއިލާއެއްގެ ކުޑަކުދިންތަކަކަށް ރިސޯޓްގެ މުވައްޒަފަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އޮޅުވެލީގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކޮށްފައި ވަނީ ޓޫރިޒަމްގެ އޮންލައިން ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރިޕް އެޑްވައިޒާގެ ވެބްސައިޓްގައި "އަޝިޝް"ގެ ނަމުގައި މީހަކު ލިއުނު ރިވިއުއެއްގަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން އިތުރަށް ބެލުމަށް ފަހު އެ މައްސަލައިގެ ތަފްސީލު މިނިސްޓްރީން ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައި އޮތީ. އެ މައްސަލަ ބަލަމުން މި އަންނަނީ،" އަލީ ވިދާޅުވި އެވެ.

ރިވިއުގައި ތުހުމަތު ކޮށްފައިވާ ގޮތުން އެ އާއިލާގެ ކުދިންނަށް ކުރިމަތިވި ގޯނާގެ ހަމަ އޭރު އެހެން އާއިލާއެއްގެ ކުއްޖަކަށް ވެސް ގޯނާއާ ކުރިމަތިވިކަން އޭނާއަށް ވަނީ އެނގިފަ އެވެ. ގޯނާ ކުރި މައްސަލަ ރިސޯޓްގެ ފްރޮންޓް ޑެސްކަށް ހުށަހެޅުމުން އެހާ ބޮޑަށް އަޅާ ނުލާ ކަމަށާއި އެހެން ނަމަވެސް ފަހުން ފުލުހުން އައިސް ސުވާލުކޮށް، މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވެސް ރިވިއުގައި އަޝިޝް ތުހުމަތުކޮށްފައި ވެ އެވެ. ރިވިއު ލިއުނު މީހާގެ ދަރިންނަށް ކުރިމަތިވި ގޯނާއެއް ކަމަށް އޭނާ ބުނެފައި ވަނީ "ސްޓޯކް" ކުރުމެވެ. އެކަމަކު ދެވަނަ އާއިލާގެ އުމުރުން ހަ އަހަރުގެ ކުއްޖަަކަށް ޖިސްމާނީ ގޮތުން، ޖިންސީ ގޯނާ ކުރި ކަމަށް ރިވިއުގައި އޭނާ ލިޔެފައި ވެ އެވެ. އެ ގޮތުން އެ ހަ އަހަރު ކުއްޖާގެ ގުނަވަނެއްގައި އަތްލި ކަމަށް އެ އާއިލާއާ ހަވާލާދީ ލިޔެފައި ވެ އެވެ.

މިދިޔަ ޖުލައިމަހު ލިޔެފައިވާ އެ ރިވިއު އަށް އޮޅުވެލި ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދުގެ ނަމުގައި ޖަވާބު ދީފައި ވެ އެވެ. ތަމްހީދުގެ ނަމުގައި ޖަވާބު ދިން މީހާ ބުނެފައި ވަނީ ރިސޯޓް މެނޭޖްމަންޓްގެ ސަމާލުކަމަށް އެ މައްސަލަ އައުމާ އެކު، ފުލުހުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށާއި ތަހުގީގަށް އެއްްބާރުލުން ދެމުން އަންނަ ކަމަށެވެ.

ހުރިހާ ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.