ޓޭލާ.
03 އޯގަސްޓް 2020 - 06:35
މިދިޔަ މަހުގެ 24 ގައި ރިލީޒްކުރި އަލްބަމް "ފޯކްލޯ" އާ އެކު، އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ދުނިޔޭގެ ރެކޯޑް ފޮތުން އިތުރު ޖާގައެއް ލިބިއްޖެ އެވެ.
ހުނަރުވެރި ލަވަކިޔުންތެރިޔާގެ އާ އަލްބަމްވެގެން ދިޔައީ ރިލީޒްކުރިތާ އެއް ދުވަހުގެ ތެރޭގައި ސްޕޮޓިފައި އިން މިހާތަނަށް އެންމެ ގިނައިން ސްޓްރީމްކުރި އަންހެން ފަންނާނުގެ އަލްބަމަށެވެ. ރިލީޒްކުރި ދުވަހު އެކަނި ސްޕޮޓިފައި އިން "ފޯކްލޯ" 80.6 މިލިއަން ފަހަރު ސްޓްރީމްކޮށްފައިވެ އެވެ.
.@taylorswift13's #Folklore broke the record for most day-one streams of an album on @Spotify with over 80 million streams!https://t.co/rC6BKIhMv0
— GuinnessWorldRecords (@GWR) August 1, 2020
މީގެ އިތުރުން 16 ޓްރެކް ހިމަނައިގެން ރިޕަބްލިކަން ރެކޯޑްސްގެ ތައްގަނޑާ އެކު ނެރުނު އަލްބަމްވެގެން ގޮސްފައި ވަނީ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި އެޕަލް މިއުޒިކުން އެންމެ ގިނައިން ސްޓްރީމްކުރި އަލްބަމަށް ވެސް މެ އެވެ. އެއީ 34.57 މިލިއަނެވެ. މީގެ އިތުރުން "ފޯކްލޯ" ނެރުނުތާ 24 ގަޑިއިރު ތެރޭގައި 1.3 މިލިއަން ކޮޕީ ވިކިފައިވެ އެވެ.
ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި (ޖުލައި 24-26) އަށް އަލްބަމްގެ 500،000 ކޮޕީ އެމެރިކާގައި އެކަނި ވެސް ވިކިފައިވެ އެވެ.
"ފޯކްލޯ" އާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ޓޭލާ، 30، އަށް އާ މަގާމެއް ލިބުނު އިރު، އޭނާ އަށް ލިބުނު މަގާމު ކުރިން އޮތް އަންހެން ލަވަކިޔުންތެރިޔަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ، 27، އެވެ. އެއީ މިދިޔަ އަހަރު ނެރުނު އަލްބަމް "ތޭންކް ޔޫ، ނެކްސްޓް" ރިލީޒްކުރިތާ އެއް ދުވަހުގެ ތެރޭގައި ލިބުނު 55.9 މިލިއަން ސްޓްރީމިންއާ އެކީގަ އެވެ.
ޓޭލާ އަކީ ކުރިން ވެސް ހަތް ފަރެއްގެ މަތިން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފަންނާނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy