ގެސްޓު ހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީން ވުން ލާޒިމުކޮށްފި

ގެސްޓު ހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭގޮތަށް ކަރަންޓީނުގެ އުސޫލަށް އެޗުޕީއޭ އިން އިއްޔެ ބަދަލު ގެނެސްފި އެވެ.


އެ އިދާރާ އިން އެ ގައިޑްލައިން އެކުލަވާލައި އާންމު މި ކުރީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ބަންދު ކޮށްފައިވާ ރަށްރަށުގެ ގެސްޓު ހައުސްތައް އަންނަ މަހުގެ 15 ގައި އަލުން ހުޅުވުމަށް ސަރުކާރުން ނިންމާފައި ވާތީ އެވެ.

"ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުގައި" ބުނީ ގެސްޓު ހައުސްތަކަކީ މެދު ނުކެނޑި ޓޫރިސްޓުން ދާ ތަނަކަށް ވާތީ ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، އެފަދަ ރަށަކުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީން ވުން އެ އުސޫލުގައި ވަނީ ލާޒިމުކޮށްފަ އެވެ.

މިގޮތަށް ކަރަންޓީން ވާ މީހުން އަމަލު ކުރަން ޖެހޭނީ މާލެ އިން ރަށްރަށަށް ގޮަސް ކަރަންޓީންވާ މީހުން އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތަށެވެ.

ގެސްޓު ހައުސް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުން ކަރަންޓީނުވުމުގެ އުސޫލު

އާ އުސޫލުގައިވާ ގޮތުން، ގެސްޓު ހައުސް ހިންގާ ރަށްރަށުގެ އިތުރުން އޮޕަރޭޓް ކުރަމުންދާ ރިސޯޓުތަކާއި އޮޕަރޭޓްކުރަން ނުފަށާ ރިސޯޓުތަކުން ވެސް މީހުން ދިރިއުޅޭ ރަށަކަށް ދާ ނަމަ ކަރަންޓީނު ވާން ޖެހޭނެ އެވެ. އަދި އިންޑަސްޓްރިއަލް ރަށަކަށް މަސައްކަތު މީހުންނަށް ވެސް މަސައްކަތަށް ނުކުމެވޭނީ އެ ރަށެއްގައި ކަރަންޓީނު ކުރުމަށް ފަހު، ކޮވިޑް ޓެސްޓްކޮށް ނެގެޓިވް ވުމުން ކަމަށް އުސޫލުގައި ވެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ރިސޯޓުތަކުން ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނައިރު މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 15ގަ އެވެ. ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވޭނީ އެ ރަށެއްގެ ކައުންސިލުން ހުއްދަ ލިބި، ފުރިހަމަ ކުރަން ޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކޮށްގެންނެވެ.