މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ނުގެނެވޭނެ ކަމަށް، އެޗުޕީއޭއިން ނިންމައިފި އެވެ.


މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެޗުޕީއޭއިން މި ގޮތަށް ނިންމާ ކުރި އިއުލާނެއްގައި ބުނީ މިރޭ 12 އިން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާއަށް މޭލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓަލާއި ގެސްޓްހައުސްތަކަށް ބިދޭސީ އެއްވެސް ދަތުރުވެރިޔަކު ޗެކިން ކުރެވިގެން ނުވާނެ ކަމަށެވެ.

"މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓެލްތަކުން މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިޔަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގަމެވެ،" ޓްވިޓާ މެދުވެރިކޮށް އެޗުޕީއޭ އިން ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބި ޓޫރިސްޓުންގެ ހަދާފައިވާ ބުކިންގެ މުއްދަތުގައި އެ މީހުންނަށް ތިބެވޭނެ އެވެ.

މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސަރުކާރުން އެޅި އެންމެ ބޮޑު ފިޔަވަޅެވެ. މީގެ ކުރިން ވަނީ ރިސޯޓްތައް އެކަހެރިކޮށް، އަދި ރިސޯޓްތަކުން އެއްވެސް މީހަކު އެހެން ރަށްރަށަށް ދިއުން މަނާކޮށްފަ އެވެ.

އެޗުޕީއޭގެ ނިންމުން މި އައީ ރިސޯޓްތަކުން ކޮރޯނާވައިރަަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު 10 އަށް އަރާފައި ވަނިކޮށެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އެއީ ޓޫރިސްޓުންކަމެއް ނުވަތަ ރިސޯޓްތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންކަމެއް، އެޗުޕީއޭއަކުން ނުބުނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ލަފާއަރުވަނީ މައިމޫނާ އެވެ. އަދި ހެލްތު މިނިސްޓަރުގެ މަޝްވަރާތަކާ އެކު އެ ފިޔަވަޅުތައް އޭނާއަށް އިއުލާންކުރެއްވެ އެވެ.

ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްގެ ސަބަބުން މިހާރު ދުނިޔެ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. މިހާރު އެންމެ ނުރައްކާތެރީ ޔޫރަޕް ސަރަހައްދެވެ.

ޑަބްލިޔުއެޗުއޯއިން ބުނީ ޗައިނާގައި އެ ވައިރަސް އެންމެ ބާރަށް ފެތުރުނު އިރު، ދުވާލަކު ފެންނަ ކޭސްތަކަށް ވުރެ ޔޫރަޕުން މިހާރު ފެންނަ ބަލިމީހުންގެ އަދަދު ގިނަ ކަމަށެވެ. އިއްޔެ އެކަނި ވެސް އިޓަލީން ވަނީ 280 މީހުން، ކޮވިޑް-19 ގައި މަރުވެފަ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިގެން އުޅެނީ ވެސް އިޓަލީން އައި ޓޫރިސްޓެއްގެ ސަބަބުންނެވެ.