ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމުން، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ފިޔަވަޅުތަކާ ގުޅިގެން މާދަމާ އިން ފެށިގެން ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހޯމަ އާއި ބުދަ ދުވަހު ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.

އެ ބޭންކުން ނެރުނު އިއުލާނެއްގައި ބުނީ މިގޮތަށް ބޭންކުން ހިދުމަތް ދޭނީ މާދަމާ އިން ފެށިފެން މި މަހުގެ 15 އާ ހަމައަށް ކަމަށެވެ. މި މުއްދަތުގައި ބީއެމްއެލް ހުޅުވާނީ ހޯމަ އާއި ބުދަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

ބޭންކު ހުޅުވާފައިވާ ގަޑިތަކުގައި، ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތް ދޭނެ އެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މާލޭގައި ބޭންކުން ހިދުމަތް ހޯދަން ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ އެވެ. ހިދުމަތް ހޯއްދަން ދިއުމުގެ ކުރިން ކިއުގައި މަޑުކޮށްގެން ތިބި މީހުންގެ އަދަދު ޗެކް ކުރުމަށް ވެސް ބޭންކުން އެދެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، އެކައުންޓް އޯޕެނިން ސެންޓަރާއި ލޯނު ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ. އެގޮތުން، މި ސެންޓަރުތަކުން ހިދުމަތް ހޯދަން ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާދަމާ އިން ފެށިގެން މި މަހުގެ 15 ދުވަހަށް އެޅުމަށް އެޗްޕީއޭ އިން ރޭ އިއުލާންކުރި ފިޔަވަޅުތަކުގެ ތެރެއިން، މާލޭގައި ހިންގާ ސަރުކާރުގެ އޮފީސްތައް އެ މުއްދަތަށް ބަންދު ވާނެ އެވެ.