މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މޮބައިލް އެޕްގެ އެންމެ ފަހުގެ ވާޝަން، ފައިސާ މޮބައިލް އެކްސްއަށް އަޕްގްރޭޑް ކޮށްގެން ޑިޖިޓަލް މުއާމަލާތްތައް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެމްއައިބީއިން ބުނެފި އެވެ. 

އެމްއައިބީއިން ބުނީ ފައިސާ މޮބައިލް އެކްސްއަކީ އެމްއައިބީގެ ކުރީގެ ފައިސާ މޮބައިލް އެޕްގެ އަޕްގްރޭޑަޑް ވާޝަނެއް ކަމަށެވެ. އަދި ގިނަ ކަސްޓަމަރުން މިހާރަށް އެ އެޕަށް އަޕްގްރޭޑުކޮށްފައިވީ ނަމަވެސް، އަދިވެސް ބައެއް ކަސްޓަމަރުން އަޕްގްރޭޑު ނުކުރާ ކަމަށާއި އަދި އެ ވާޝަނަށް އަޕްގްރޭޑް ކުރުމުން އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

އެ އެޕަކީ އެ ބޭންކުގެ އޮންލައިން ބޭންކިން ހިދުމަތްތައް ދޭ ފައިސާ ނެޓުގެ ހުރިހާ ސިފަތަކެއް ވެސް ހިމަނައިގެން އުފައްދާފައިވާ ޒަމާނީ އެޕެކެވެ. އެ އެޕު މެދުވެރިކޮށް ކަސްޓަމަރުންގެ ހުރިހާ އެކައުންޓުތަކެއް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން މެނޭޖް ކުރެވޭނެ އެވެ. 

ފައިސާ މޮބައިލް އެކްސްއިން މަލްޓި ޕްރޮފައިލް އެކްސެސް ލިބޭނެ އެވެ. އެގޮތުން އެ އެޕުގައި އެޕްގެ ތެރެއިން ޕާސަނަލް އަދި ބިޒްނަސް އެކައުންޓްތަކުގެ މެދުގައި އެއްވެސް އުނދަގުލެއް ނެތި ޕްރޮފައިލް ބަދަލު ކުރެވޭނެ އެވެ. އަދި އެއީ އެއީ ފަސޭހަކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުގެ ލުއިފަސޭހަކަން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުހިންމު ފީޗާއެއް ކަމަށް އެމްއައިބީއިން ބުންޏެވެ.

އެ އެޕުގައި ކާޑު މެނޭޖްމަންޓްގެ ޒަމާނީ ފީޗާސްތައް ހިމަނާފައި ވާއިރު، އެ އެޕް މެދުވެރިކޮށް އެމްއައިބީ ކާޑުތަކުގެ ޕިން ވަގުތުން އެކްޓިވޭޓްކޮށް، ބްލޮކްކޮށް ނުވަތަ ބަދަލުކޮށް ހެދޭނެ އެވެ. މީގެ އިތުރުން ވެސް ފައިސާ މޮބައިލް އެކްސް ބޭނުން ކުރުމުގައި އޮތެންޓިކޭޓާ އެކްޓިވޭޓް ކުރުމަކީ އެސްއެމްއެސްއަކަށް ވުރެ ބޮޑަށް ރައްކާތެރިކަން އިތުރު ކުރެވޭނެ ކަމެކެވެ. 

އެމްއައިބީގެ ފައިސާ މޮބައިލް އެކްސް އެޕް.
އެމްއައިބީގެ ފައިސާ މޮބައިލް އެކްސް އެޕް.

އެ އެޕަށް ކަސްޓަމަރު އަމިއްލައަށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ބަޔޯ މެޓްރިކްސްގެ އެހީގައި ޕާސްވޯޑާ ނުލައި ވެސް ފޭސް ރެކޮގްނިޝަން ބޭނުންކޮށްގެން އެޕަށް ވަދެވޭނެ އެވެ. އޭގެ އިތުރުން ވެސް ކަސްޓަމަރުން ބޭނުންވާ ފީޗާސް އެޕްގެ ހޯމް ސްކްރީންގެ ކުއިކް އެކްޝަން ބަޔަށް އެޑް ކޮށްލައިގެން ކަސްޓަމައިޒް ކުރެވޭނެ އެވެ. އަދި އެޕްގައި ހިމެނޭ "ކުއިކް ޓްރާންސްފާ" ފީޗާގެ އެހީގައި އެޕްގައި ސޭވް ނުކޮށް ހުރި ކޮންމެ ބޭންކެއްގެ އެކައުންޓަކަށް ވެސް ވަގުތު ބޭކާރު ނުކޮށް ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭނެ އެވެ.

އެ އެޕުގައި ފައިސާ ނެޓުގައި ހިމެނޭ މުހިންމު ގިނަ ކޯޕަރޭޓް ފީޗާތައް ވެސް ހިމެނެ އެވެ. 

އެއީ ކަސްޓަމަރުންނަށް ބޭނުންކޮށްލަން ފަސޭހަ އަދި ޒަމާނީ އަދި ރައްކާތެރި ހަލުވި އެޕެއްގެ ގޮތުގައި އެމްއައިބީއިން ސިފަކުރެ އެވެ. އަދި އެއީ އަބަދުވެސް އަޕްޑޭޓުވެ އާ ފީޗާސްތަކަށް އަޕްގްރޭޑް ވާނެ އެޕެއް ކަމުގައި ވެސް އެ ބޭންކުން ބުންޏެވެ. އެހެންވެ، އެމްއައިބީގެ ފައިސާ މޮބައިލް އެކްސް އެޕަށް އަޕްގްރޭޑް ކޮށްގެން ޑިޖިޓަލް ބޭންކިން ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.