ކުޑަކުދިންނަށް ސޯޝަލް މީޑިއާ ލިމިޓްކުރަން ޖެހޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވެރިޔާ އޫރްޒުލާ ފޮން ޑަޔާ ލޭޔެން ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ 13 އަހަރުން ދަށުގެ ކުދިން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރަންވާނީ ބެލެނިވެރިންގެ ބެލުމުގެ ދަށުން އެކަނި ކަމަށް މާހިރުން ލަފާދެއްވާފައިވަނިކޮށެވެ.

ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ ގްރީސް އަދި ފްރާންސުން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ބާރުއަޅަމުންދާތީ، އީޔޫ އިން އަންނަނީ ސޯޝަލް މީޑިއާ މަނާކުރުމާ މެދު ވިސްނަމުންނެވެ. އަދި އޮސްޓްރޭލިއާއެކޭ އެއްގޮތަށް މުޅި އީޔޫގައި މަނާ ކަމެއްގެ ގޮތުގައި ހެދުމަށް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ.

ހެކިތަކުގެ މައްޗަށް ބިނާކޮށް އީޔޫއަށް ގޮތްތައް ނިންމުމުގައި އެހީތެރިވުމަށްޓަކައި، ފޮން ޑަޔާ ލޭޔެން ވަނީ ޑޮކްޓަރުން، އެކަޑެމިކްސް، ޒުވާނުންގެ މަންދޫބުން އަދި ބެލެނިވެރިން ހިމެނޭ މާހިރުންގެ ޕެނަލަކަށް މިކަމުގައި ލަފާދިނުމުގެ މަސައްކަތް ހަވާލުކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ލަފާ ހޯމަ ދުވަހު ވަނީ ހުށަހަޅުއްވައިފަ އެވެ.

"އަޅުގަނޑުމެންނަށް މިހާރު އެއްބަސްވެވިފައިވާ ކަމަކީ، ކުދިންނަށް ސޯޝަލް މީޑިއާއާ ގުޅޭވޭނެ އުމުރު ކަނޑައެޅުމަށް ފެށޭނެ ތާރީހެއް އޮންނަންޖެހޭނެ ކަން،" ވަކި އުމުރުފުރަޔަކަށް ސޯޝަލް މީޑިއާ މަނާކުރަން ތާއީދުކުރައްވަމުން ފޮން ޑަޔާ ލޭޔެން ވިދާޅުވި އެވެ.

"މިއީ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމެއް ނޫން. މިއީ ސޯޝަލް މީޑިއާއަށް އަޅުގަނޑުމެންގެ ކުދިންގެ ތެރެއަށް ވަދެވޭނީ ކޮން އުމުރަކުން ފެށިގެން އަދި ކިހިނެއްތޯ ބެލުން،" އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭ މިކަމާ ގުޅޭ ގާނޫނީ ހުށަހެޅުމެއް އަންނާނެ ކަމަށް ވެސް ފޮން ޑަޔާ ލޭޔެން ވިދާޅުވި އެވެ.

"ތަފާތު އުމުރުފުރާތަކަށް ފިޔަވަހިތަކަކަށް ބަހާލައިގެން މަޑުމަޑުން ސޯޝަލް މީޑިއާ މަނާކުރެވޭނެ ގޮތްތަކެއް ހެދުމަށް އަޅުގަނޑުމެން ވިސްނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މާހިރުންގެ ރިޕޯޓުގައި ލަފާ ދީފައިވާ ކަންކަމުގެ ތެރޭގައި؛ 

  • ތުއްތު ކުދިންނާއި ހިނގަން ފަށައިގަންނަ އުމުރު (1-3 އަހަރާ ދެމެދު) ގެ ކުދިންނަށް އެއްވެސް ވަރަކަށް ސްކްރީން ދައްކައިގެން ނުވާނެ.
  • 3 - 12 އަހަރާ ދެމެދުގެ ކުދިން އުމުރާ ގުޅޭ ސޯޝަލް މީޑިއާ އަދި ޑިވައިސްތައް ބޭނުންކުރަންވާނީ ބެލެނިވެރިންގެ ބެލުމުގެ ދަށުން.
  • 13 - 18 އަހަރާ ދެމެދުގެ ކުދިންނަށް، "ރައްކާތެރިކަމުގެ މުހިންމު ފީޗާސްތައް" ހިމެނޭ ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމްތައް އަމިއްލައަށް ބޭނުންކުރުމުގެ ފުރުސަތު މަޑުމަޑުން ދެވިދާނެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން "އެމީހުންގެ ހިދުމަތްތަކުން ގެއްލުމެއް ނުވާނެކަން ސާބިތުކޮށްދޭންޖެހޭނެ" ކަމަށާއި ޔޫރަޕްގައި އުފެއްދުމެއް ތައްޔާރުކުރާ ކޮންމެ މީހަކީ އޭގެ ރައްކާތެރިކަމަށް ޒިންމާވާންޖެހޭނެ މީހެއް ކަމަށް ފޮން ދޔާ ލޭޔެން ވިދާޅުވި އެވެ.

"ކުދިންގެ ވަށައިގެންވާ މުޅި ނިޒާމު ބަދަލުވާންޖެހޭ. އެކަމަކު އަޅުގަނޑުމެންނަށް ވަގުތެއް ނެތް. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިހާރުވެސް ދަނީ ސީރިއަސް ނުރައްކާތަކާ ކުރިމަތިލަމުން،" އޭނާ ވިދާޅުވި އެވެ.

މި ރިޕޯޓުގައި ސޯޝަލް މީޑިއާ ހިމެނޭ ގޮތަށް ޑިޖިޓަލް ޕްލެޓްފޯމްތައް މުޅިން މަނާކުރާކަށް ލަފައެއް ނުދެ އެވެ. އަދި ފޮން ޑަޔާ ލޭޔެން ވެސް އެގޮތަށް ތާއީދެއް ނުކުރައްވަ އެވެ.

އީޔޫއިން ސޯޝަލް މީޑިއާގެ އަދި ހާއްސަކޮށް ފޭސްބުކް އަދި އިންސްޓަގްރާމްގެ "ދެވިހިފާ" ފީޗާސްތައް ނައްތާލުމަށް މި ފަހުން ވަނީ ޕްރެޝަރުކުރަން ފަށައިފަ އެވެ. އޭގެ ކުރިން ފެބްރުއަރީ މަހު ޓިކްޓޮކަށް ވެސް މިފަދަ އިންޒާރެއް ވަނީ ދީފަ އެވެ.

އީޔޫއަށް ދިމާވެފައިވާ އެއް ގޮންޖެހުމަކީ އެ އިއްތިހާދުގެ 27 ގައުމުގައި ތަފާތު އުމުރުތައް ކަނޑައަޅައި އެކި މިންގަނޑުތައް ގެންގުޅެން ބޭނުންވުމެވެ. ސްޕެއިނުން ބޭނުންވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް ނެޓްވޯކްތައް މަނާކުރާށެވެ. ނަމަވެސް ފްރާންސުން ހުށަހަޅަނީ 15 އަހަރާއި އެއަށްވުރެ ދަށުގެ ކުދިންނަށް އެކަން މަނާކުރުމަށެވެ.

އަނެއްކޮޅުން މިފަދަ މަނާކުރުންތަކާ ދެކޮޅު ހަދާ އެސްޓޯނިއާ ފަދަ އީޔޫގެ ގައުމުތައް ވެސް އެބަހުއްޓެވެ.

އީޔޫއިން އެ ގައުމުތަކުގެ މަސައްކަތްތައް "އެއްކޮށްލާނެ" ކަމަށާއި އެންމެންނަށް އެކަށީގެންވާ ވަކި ހުށަހެޅުމެއް ތައްޔާރުކުރާނެ ކަމަށް އީޔޫގެ ވެރިޔާ ވިދާޅުވި އެވެ. -- އޭއެފްޕީ