އިންޑިއާގައި އޮންލައިންކޮށް ފިލްމު ބެލުމާއި ގޭމުކުޅުމަށް ދެވި ހިފާފައި ތިބި އެއްބަނޑު އެއްބަފާ ކުޑަ ތިން އަންހެން ކުދިންނަށް އެކަން މަނާކުރި ފަހުން މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އިއްޔެ ޣާޒީއާބާދުގައި ގޭގެ މަތިން ފުންމާލައިގެން މަރުވީ 12 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ސްކްރީން ޓައިމް ގިނަވުމާއި ދެވި ހިފާ ގޮތަށް އަލްގޮރިދަމް ބައްޓަންކޮށްފައި ހުންނާތީ ކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކުރާ މައްސަލައިގެ ކަންބޮޑުވުން މުޅި ދުނިޔޭގައި ވެސް އުފެދި އަދި އިންޑިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާ ބެހޭ ގޮތުން ވާހަކަ ދެކެވެން ފަށާފައި ވަނިކޮށެވެ.
"އެ ކުދިންގެ ފޯނާއި ސުއިސައިޑް ނޯޓަކަށް ބިނާކޮށްގެން ތަހުގީގު ކުރިއަށް އެބަ ގެންދަން،" ފުުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ނިމިޝް ޕަޓީލް އޭއެފްޕީއަށް ވިދާޅުވި އެވެ.
އިންޑިއާ އަކީ އަމިއްލައަށް މަރުވާ މައްސަލަތަކުގައި ވެސް، އެކަން އެގޮތަށް ދިމާވި ސަބަބު ހޯދުމަށް އާންމުކޮށް ފުރިހަމަ ތަހުގީގެއް ހިންގާ ގައުމެކެވެ.
ތިން ކުދިން މަރުވި މައްސަލައަށް ފަހު މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ކޭ-ޕޮޕް މިއުޒިކާއި ކޮރެއާ ގޭމްތަކާއި ފިލްމުތަކަށް ވަރަށް ބޮޑަށް ދެވި ހިފާފައިވާ ކުދިންތަކެކެވެ. އެކަމަކު ދާދި ފަހުން ވަނީ އެ ކުދިންނަށް އެ ކޮންޓެންޓްތަކަށް އެކްސެސް ނުވެވޭ ގޮތް ހަދާފައި ކަމަށްވެ އެވެ.
"އެ ކުދިންނަށް ކޮރެއާގެ އާދަކާދަ، ކޭ-ޕޮޕް މިއުޒިކް، ގޭމް އަދި ފިލްމުގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ފޯރާފައި،" ޕާޓިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުދިންގެ އާއިލާއަށް ވަނީ މާލީ ގޮންޖެހުންތަކެއް ވެސް މި ދުވަސްވަރު ކުރިމަތިވެފަ އެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވާ ގޮތުގައި ކުދިންގެ ބައްޕަ ވަނީ ކޮރެއާ ފިލްމާއި ގޭމު އަބަދު ބަލައި އޭގެ ތެރޭގައި އުޅޭތީ އެ ކުދިންގެ ފޯނުތައް އަތުލައިފަ އެވެ. ނަމަވެސް ކުދިންގެ އާއިލާއާ ގުޅޭ ގޮތް ވެފައި ނުވާތީ އޭއެފްޕީއަށް އެކަން ކަށަވަރެއް ނުކުރެވުނެވެ.
އިންޑިއާގެ ދެ ސްޓޭޓެއްގައި ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށައިފަ އެވެ. އަދި އެކި ގައުމުތަކުގައި ވެސް މިކަމާ މެދު އެކި ސިޔާސަތުތައް ހަދަމުން އަންނައިރު މިކަން ފުރަތަމަ ތަންފީޒުކުރަން ފެށި ގައުމަކަށް މިދިޔަ ޑިސެމްބަރު މަހު ވަނީ އޮސްޓްރޭލިއާ ވެފަ އެވެ. -- އޭއެފްޕީ