އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު "މިހާރު" އަށް ރޭ ވިދާޅުވީ އެސްޖީން މަގާމުން ވަކިކުރީ، އަތޮޅު ކައުންސިލްތައް އުވާލުމުން ކަމަށެވެ.
އެހެންވެ، ގަވައިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި "ރިޑަންޑެންސީ އިނާޔަތް" ލިބޭ ގޮތަށް އެސްޖީން ވަކިކުރަން ނިންމީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލްތަކުގެ ނިމިދިޔަ ދައުރު ހަމަވުމާ އެކު، އެ ކައުންސިލްތައް އުވޭ ގޮތަށެވެ.
އާ ކައުންސިލަރުން މިިދިޔަ މަހުގެ 17 ގައި ހުވާކުރުމާ އެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފަ އެވެ. އަދި އެ ތަންތަން ބަދަލުކޮށްފައިވަނީ އެލްޖީއޭގެ އަތޮޅު އޮފީހަށެވެ.
ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.
އަތޮޅު ކައުންސިލް އުވުމާއެކު ސެކްރެޓަރީ ޖެނެރަލުންގެ ވަޒީފާ ގެއްލުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގެންނެވި ބަދަލާ އެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަންކަން ހަމަޖެއްސުމަށް މީގެ ކުރިން އެދިވަޑައިގެންފަ އެވެ.