މަޖިލީހުން އުޅެނީ ކައުންސިލަރުން މުށުތެރެ އަށް ލާން: ތޯރިގް

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަނީ މަޖިލިހުގެ މުށުތެރެ އަށް ކައުންސިލަރުން ލާން ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ނިންމާފައި ވަނީ ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ، ލާމަރުކަޒީ ބިލުގައިވާ ގޮތުން މަޖިލިސް ހަދަން އުޅެނީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް ކަމަށެވެ.

"އެޓޯލްސް މިނިސްޓްރީން ކަތީބުންނާއި އަތޮޅުވެރިން ތަންތަނަށް ފޮނުވަނީ. ފޮނުވާފައި ދުވަސްކޮޅަކުން ސިޓީއަކުން އަންގާނީ މާލެ އަންނާށޭ. އޭނާގެ އަންހެނުންނާއި ދަރިން ތިބޭނީ ހާސްކަން މަތީގައި،" ކުރީގެ އެޓޯލްސް މިނިސްޓްރީ ހިނގަމުން އައި ގޮތް ފާހަގަ ކުރައްވައި ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލްގެ ބޭނުމަކީ ހުރިހާ ބާރުތަކެއް ރައްޔިތުންގެ މަޖިލިހަށް ޖަމާ ކުރުމެވެ. މިއީ ރައްޔިތުންނަށް ބާރުދޭން ވެގެން ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެޖެންޑާ 19 ގައި ބުނަނީ ރައްޔިތުން ބާރުވެރި ކުރުވާނަމޭ. އެގޮތުން ބަޖެޓު ދޭނަމޭ. އަނެއްކޮޅުން އެމްޑީޕީން ތާއީދު ކުރުމަށް ހުށަހަޅާފައި އޮތީ އެމްޑީޕީގެ 65 މެމްބަރުން މަޖިލިހަށް ލިބުނީމަ އިންތިހާބު ކުރާ ކައުންސިލަރުން ވަކިކުރަން. އެހެންވެ، މި ދަންނަވަނީ ބާރުތައް މުށުތެރެ އަށް ލަމުން ގޮސް މިހާރު އޮތީ މަޖިލިހުގެ ތެރޭގައި އެޓޯލްސް މިނިސްޓްރީ އުފައްދާފައި،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލްގެ ސަބަބުން، އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރައްވާ ހުރިހާ ކައުންސިލަރުން ތިއްބަވާނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މުށުތެރޭގައި ކަމަށެވެ.

މިހާރު ކައުންސިލަރުން މަގާމުން ވަކިކުރެވޭނީ މަގުބޫލު އުޒުރެއް ނެތި ތިން ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ އެވެ. އަދި ކައުންސިލެއް އުވައިލެވޭނީ، ކައުންސިލަރުން ގާނޫނާ ހިލާފަށް އަމަލުކުރާ ކަމަށް އެލްޖީއޭ އަށް ފާހަގަކުރެވިއްޖެ ނަމަ ހައި ކޯޓަށް ހުށަހަޅައިގެންނެވެ.