ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާކިސްތާނު ސަރުކާރުން ރަސްމީކޮށް މަރުހަބާ މިއަދު ދަންނަވައިފި އެވެ. 

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ގައުމުގެ އިސްވެރިންގެ ފަރާތުން ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެންމެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެ ގައުމުގެ ސިފައިން ވަނީ ޝަރަފުގެ ގާޑެއް އަރުވައިފަ އެވެ. 

ރައީސަށް މަރުހަބާ ދެންނެވުމުގެ ހަރަކާތަށް ފަހު ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ދެން ކުރިއަށް ގެންދާނީ ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫއެއްގައި ސޮއިކުރުން އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒުގެ ގުޅިފައިވާ ބަޔާން ދެއްވުމެވެ. 

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ޕާކިސްތާނަށް ވަޑައިގަތީ ރޭގަ އެވެ. އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ރައީސްގެ ދެކަނބަލުންނަށް ރޭ ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އެ މަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވެސް އެރުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ސަލާންކުރައްވަނީ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ސަލާންކުރައްވަނީ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ގައުމަށް އެންމެ ފަހުން ދަތުރުފުޅެއް ކުރެއްވި ރާއްޖޭގެ ވެރިއަކީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ.

މާދަމާގެ ނިޔަލަށް ކުރައްވާ މި ތާރީހީ ދަތުފުޅާ ގުޅިގެން 12 ވަރަކަށް އެމްއޯޔޫގައި ރާއްޖެ އާއި ޕާކިސްތާނުން ސޮއިކުރާނެ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން އެއްބަސްވުންތައް ހިމެނެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އިތުރުން އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގައި އެންމެ މުހިންމު އެއް ކަމަކީ ޕާކިސްތާނުގައި ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުމެވެ. ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތައް ކިޔައިދިނުމަށް ބާއްވާ މި ފޯރަމްގައި ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. 

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ރައީސް ބައްދަލުކުރައްވައި އެ އާއިލާތަކުގެ ވާހަކަތައް އަޑުއައްސަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ރައީސް މުއިއްޒު ޕާކިސްތާނަށް މި ވަޑައިގަތީ ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައިކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1966ގަ އެވެ.