ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި މިހާރު އޮތް ޖޯކު ޖެހުމުގެ އޮއިވަރުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާއެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަހުމަދު ޝަހީދު ވެސް ޖެހިވަޑައިގެންފި އެވެ.

ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓްރަމްޕަކީ ދިވެއްސެއްކަން ވަރަށް އިތުބާރު ހުރި މަސްދަަރަކުން އެނގިވަޑައިގެންފައިވާ ކަމަށާއި އޭނާ އަކީ ޕީޕީއެމްގެ "ރަތްލާޖެހި މެމްބަރެއް" ކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"ވޯޓުގެ ނަަތީޖާއަކަށް ބެލުމެއް ނެތް. އަލުން ބައިބަހަންވީ، އަލުން ވޯޓުލާންވީ" ގަދަ ހުނުންގަނޑު ދައްކައިދޭ އެމޯޖީއާ އެކު ޝަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޝަހީދުގެ ޓްވީޓަށް ޖަވާބުދިން ބައެއް މީހުން ބުނީ އެއީ ދިވެއްސަކަށް ވުމަށް ވުރެ ބޮޑަށް ޕީޕީއެމްގެ ޑީއެންއޭ ހުރުމުން ވާ ގޮތެއް ކަމަށެވެ. އެކަމަކު، އެހެން މީހަކު ބުނީ ބަލި ގަބޫލުނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އުޅުއްްވި ކަމަށެވެ. އެ މަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވުމުން، ވިދާޅުވާން ފެއްޓެވީ "އެސްސީން ( ސުޕްރީމް ކޯޓުން) ހޯދި ވެެރިކަމެކޭ" ކަމަށް އޭނާ ބުންޏެވެ.

އެހެން މީހަކު ސުވާލުކުރީ ބަލި ގަބޫލު ނުކޮށްގެން އުޅެނީ އިދިކޮޅު ޕީޕީއެމްގެ ކޮން މެމްބަރެއްތޯ އެވެ. އޭނާ ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ވެވަަޑައިނުގެންނެވުމުން ބަލި ގަބޫލުފުޅު ކުރައްވައި ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބު މިހާރު ވެސް ފެންނަން އޮންނާނެ ކަމަށެވެ. ޓްރަމްޕަކީ ކޮމީޑިއަނެއް ކަމަށާއި ޕީޕީއެމް ވެސް އެ އަށް ވުރެ ރަނގަޅުވާނެ ކަމަށް، ޓްވީޓަށް ޖަވާބު ދިން އެހެން މީހަކު ބުންޏެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާއި އޭނާގެ ކެމްޕެން ޓީމުން ދައްކަމުން ގެންދާ ވާހަކަތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޖޯކު ޖަހަމުންނެވެ. އެކަމުގައި ބައެއް ގައުމުތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އިރު، އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެވެ. އެމެރިކާގެ ޑިމޮކްރަސީއަށް ވެސް އޭނާ ޖޯކް ޖެއްސެވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ރިޔާސީ އިންތިހާބުގެ ނަތީޖާ އޭނާ ގަބޫލެއް ނުކުރައްވާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ރިޔާސީ އިންތިހާބުގެ ނަތީޖާ އޭނާ ގަބޫލެއް ނުކުރައްވާ

"މީހަކު ބުނީ މިއީ އެމެރިކާގެ ތާރީހުގައި ވެސް ބާއްވާ އެންމެ އޮޅުވައިލުން ބޮޑު އިންތިޚާބޯ، އެހެން ބުނީ ކާކު؟ މިހާރު ވެރިކަމުގައި ހުންނެވި ރައީސް،" ޓްރަމްޕްގެ ދެއްކެވި ވާހަކައާ ގުޅުވައިގެން އެމެރިކާއަށް ޖޯކު ޖައްސަވައި ޚާމަނާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމެރިކާގެ ތަސައްވުރު ހަޑިވާ ކަމުގެ ކަންބޮޑުވުން އެގައުމުގެ ބައެއް ބޮޑެތި ނޫސްތަކުން ވެސް ފާޅުކުރި އެވެ. އެކި ގައުމުތަމުގެ ނޫސްތަކުން އެކަމަށް ޖޯކު ޖަހާފައިވާ ކަން ފާހަގަކޮށް، އެމެރިކާގެ މީޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.