އިބޫގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުން: އެމެރިކާ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށް އެމެރިކާ އިން ރޭ ބުނެފި އެވެ.


އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިބޫ އަށް މަރުހަބާ ކިޔައި، ކުރި ޓްވީޓްގައި ބުނީ އިބޫގެ ސަރުކާރާ ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ކާމިޔާބީތައް ހޯދުމުގައި އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ބައެއް އަމަލުތައް ކުށްވެރިކޮށް، ރާއްޖެއާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރި އެއް ގައުމެވެ. އެގޮތުން، ޑިމޮކްރަޓިކް މިނިވަން އިންތިޚާބަކަށް ހުރަސްއަޅާ މީހުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް މީގެކުރިން އެމެރިކާ އިން އޮތީ ދީފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރި ޓުވީޓު.

ރާއްޖޭގައި ހަމަ އާއި އިންސާފުން ބޭރުން ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލައި ގޮވާލުމަށް އެމެރިކާ އިން ވެސް ކުރިން ތާއީދު ކުރެ އެވެ. ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު އަމުރު ތަންފީޒުކުރުމަށް ވެސް އެމެރިކާ އިން ތަކުރާރުކޮށް ގޮވާލި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވައި، ބޮޑު ތަފާތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ޗައިނާ އާއި ރަޝިއާގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ ވެސް ހިމެނެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިބޫއަށް ގުޅުއްވައި، އިންޑިއާއަށް ވަޑައިގަތުމަށް އިބޫ އަށް ދައުވަތު ވެސް އަރުވައިފަ އެވެ.