މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ރަހީނުކޮށް އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލަައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަސް ދޭނެ މީހަކު ނުވި ނަމަވެސް، އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. 

އެޕާޓްމެންޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އޭނާ ގޮނޑިއެއްގައި ބަނދެފައި ބައިންދައިގެން އަނިޔާކޮށްފައިވެ އެވެ. އަދި އޭނާގެ ވައަތު ކުޑަވައި އިނގިލި ޕައިޕް ކަޓަރަކުން ބުރިކޮށް އެ އިނގިލީގައި ހޫނުކޮށްފައި އޮތް ވަޅިއެއް ޖައްސައި ޓޯޗާކުރި އެވެ. 

މި މައްސަލަ ފުލުހުންނާ ހަމައަށް ދިޔައީ އަނިޔާ ލިބުނު މީހާ އެ ގެއިން ފިލައިގެން ގޮސް އޭނާގެ މަންމައާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ މައްސަލަ ރިޕޯޓްކޮށްފައެއް ނުވެ އެވެ. 

މި މައްސަލައިގައި ސިފައިންގެ ދެ މީހުންނާ އެކު ފަސް މީހަކަށް ދައުވާކުރި އެވެ. އެއީ އަލީ ސާމީ މިހުރާ، ރ. ކަނދޮޅުދޫ އާއި އަހްމަދު ސާއިފް ވަހީދު ހުދުވެލި، ގދ. ގައްދޫ އާއި މުހައްމަދު ނައުޝާން ހުސައިން އުތުރުގެއާގެ، ތ. ތިމަރަފުށި އާއި މުހައްމަދު ނަފާހު ފުލްމޫން، ކ. މާފުށި އަދި އަހްމަދު ޒަޔާން ލިންކު، ތުނޑި، ލ. ގަން އެވެ. 

މީގެތެރެއިން ނަފާހާއި ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރި ދެ މީހުންނެވެ. 

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ މި ފަސް މީހުންގެ ތެރެއިން ނަފާހު ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެމީހުންގެ މައްޗަށް އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިން ދައުވާ އާއި މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އަދި އެކަމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. 

އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ދައުވާ ދައުލަތުން އުފުލީ ސާމީ އާއި ނައުޝާން އަދި ސާއިފްގެ މައްޗަށެވެ. އެމީހުންނާ އެކަން ކުރި ކަމަށް ހެކިބަސް ދޭނެ މީހަކު ނުވި އެވެ. އަނިޔާ ލިބުނު މީހާ ތަހުގީގަށް ބަޔާން ދިން ނަމަވެސް، ހެކިބަސް ދިނުމުގެ މަރުހަލާގައި އޭނާގެ ވާހަކަ ބަދަލުކުރި އެވެ. ހެކިބަސް ދެމުން ބުނެފައިވަނީ އޭނާއަށް އަނިޔާ ދިން މީހުން ނުދަންނަ ކަމަށާއި ދައުވާ ލިބޭ މީހުން އޭނާއަށް އެއްވެސް އަނިޔާއެއް ދީފައިނުވާ ކަމަށެވެ. 

ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު އެ ހެކިބަހުގެ ބަދަލުގައި ބުރަވެފައިވަނީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތައް ކަމަށްވާ ސީސީޓީވީ ފުޓޭޖުތަކާއި މޯބައިލް ފޮރެންސިކް ރިޕޯޓް އަދި ތަހުގީގަށް އަނިޔާ ދީފައިވާ ބަޔާނަށެވެ. 

ގާޒީ ވިދާޅުވެފައިވާ ގޮތުގައި އޭނާ ތަހުގީގަށް ބަޔާން ދީފައިވަނީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފައިވީ ނަމަވެސް، އެ ހާދިސާގެ ވާހަކަ ތަހުގީގަށް ކިޔައިދީފައިވާ ތަފްސީލުކަމަށް ބަލާއިރު ކޯޓުގައި ހެކިބަސް ދެމުން އޭނާ ހަދަނީ ދޮގު ކަމަށް ބުރަވެވޭ ކަމަށެވެ. އަދި އޭނާ ތަހުގީގަށް ކިޔައިދިން ވާހަކަތަކާއި ކިތާބީ ހެކިތަކުން ލިބޭ މައުލޫމާތާ ދިމާވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

ގާޒީ ނިންމަވާފައިވަނީ އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިކޮށްލަން އަންގައި، އޭގެފަހުން ހޫނުކޮށްފައިވާ ވަޅިއެއް އެ ތަނުގައި ޖެއްސި ކަން ސާމީގެ މައްޗަށް ސާބިތުވާ ކަމަށެވެ. އޭނާގެ މައްޗަށް އިއްވާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމުން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހެވެ. 

ޕައިޕް ކަޓަރުން އިނގިލި ބުރިކޮށްފައިވާ ކަން ސާބިތުވެފައިވަނީ ސާއިފްގެ މައްޗަށެވެ. އޭނާގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއިރު، ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އިނގިލި ބުރިކުރި ވަގުތު އަތުގައި ހިފަހައްޓައި، އެހީތެރިވި ކަމުގެ ކުށް ނައުޝާންގެ މައްޗަށް ސާބިތުވި އެވެ. އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ހުކުމްގެ ތެރެއިން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހެވެ. 

މި މައްްސަލައިގައި ހިމެނޭ ދެ ސިފައިންގެ މީހުންގެ ތެރެއިން ޒަޔާންގެ މައްޗަށް ސާބިތުވެފައިވަނީ އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާ ދެމުންދާ ކަން އެނގިހުރެ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށާއި އަދި އެ ޓޯޗާކުރި ފަހުން އޭނާއަށް އެކި އަނިޔާތައް ކޮށްފައިވާ ކަމެވެ. ޒަޔާންގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް، އެއަށް ވުރެ ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނެތެވެ. 

ކުށް ސާބިތުނުވި ނަފާހުއަށް ދައުލަތުން ކުރި ތުހުމަތަކީ އަނިޔާ ލިބުނު މީހާގެ އިނގިލީގައި ޖައްސަން ވަޅި ހޫނުކޮށްދިން ކަމެވެ. އެކަމަށް އޭނާ އިންކާރުކޮށްފައިވާއިރު އެކަން އޭނާ ކުރީ ކުށް ކުރުމުގެ ނިޔަތުގައި ކަމެއް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. 

އަނިޔާ ލިބުނު މީހާ ތަހުގީގަށް ކިޔަދީފައިވާ ދިގު ބަޔާނުގައިވާ ގޮތުން އޭނާ ރަހީނުކޮށް އަނިޔާކޮށްފައިވަނީ އޭނާއަށް ދިން މަސްތުވާތަކެތި ގެއްލިގެންނެވެ. އެ ތަކެއްޗަށްވާ ފައިސާ ނުދެވޭ ނަމަ، އޭނާގެ ކިޑްނީ ވިއްކާލަން ނޫން ނަމަ، ރާއްޖޭން ބޭރަށް ގޮސް އެ އަދަދުގެ މަސްތުވާތަކެތި ގެންނަން އަންގައި ޑިމާންޑް ކުރަމުންދިޔަ ކަމަށް ބުނެފައިވެ އެވެ. 

އޭނާ އެންމެ ފުރަތަމަ ގެންގުޅިފައިވަނީ ކަރަށް ކަންވާރު މަޅިއެއް ހަދައި، އެ ކަރަށް އަމުނައިގެން ކަމަށާއި އެ ގެއަށް އަންނަ ކޮންމެ މީހަކު އޭނާއަށް އެކިވަރުގެ އަނިޔާ ކުރަމުންދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާގެ އިނގިލި ބުރިކޮށްފައިވަނީ އޭނާ ރަހީނުކޮށްފައިވާ ކަމަށް މީހެއް ކައިރީގައި ބުނި ކަމަށް ކުރެވުނު ތުހުމަތުތަކަކާ އެކު އުފެދުނު ހަމަނުޖެހުމެއްގަ އެވެ. އިނގިލި ބުރިކޮށްލުމަށް ފަހު ޓޭޒާ ގަން ވެސް ޖެއްސި ކަމަށް ތަހުގީގުގައި ބުނެފައިވެ އެވެ. 

އޭގެ އަނެއް ދުވަހު އޭނާއަށް ހޭލެވުނުއިރު އެތަނުގައި ނިދިފައި އޮތީ އެންމެ މީހަކަށް ކަމާއި އެ ވަގުތު ބޭނުން ހިފައި އޭނާގެ ފޯނު ނަގައިގެން އެ ތަނުން ނުކުތީ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ކާރަކަށް އަރައިގެން މަންމައާ އެކު ގޮސް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދީ އެވެ.