ރާއްޖެ ފަދަ ގައުމެއްގައި ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހަސަން އެހެން ވިދާޅުވީ އޯލެވެލް އިމްތިހާނުތަކުގައި ސްޓްރީމްތައް ނަގައިގެން ބައިވެރިވާ ދަރިވަރުންގެ ނިސްބަތް ހޯދުމަށް ހުށަހެޅުއްވި އާރުޓީއައި ފޯމުގެ މައުލޫމާތުތައް ލިބިވަޑައިގަތުމުން، އެ ނަތީޖާއާ އެކު އާންމު ކުރެއްވި ޕޯސްޓެއްގަ އެވެ.

ތައުލީމީ ދާއިރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ހަސަން ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ގައުމެއްގައި، ބިޒްނަސް ކިޔަވާ ދަރިވަރުން 20 ޕަސެންޓަށް ވުރެ ގިނަވުމަކީ ހާސްވާންޖެހޭ ކަމެކެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް ކްލާހެއްގައި ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ސްކޫލެއްގެ ދަރިވަރުންތަކެއް ކްލާހެއްގައި ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން އިތުރު ތަފުސީލާ އެކު، ވިދާޅުވީ ދަރިވަރުން ސައިންސް ސްޓްރީމް އިހުތިޔާރު ކުރުމުން އޭގެ ފައިދާ ރަނގަޅުވާނެ ކަމަށެވެ.

"އެއް ކަމަކީ ވަޒީފާގެ ފުރުސަތުތައް ސައިންސް ކިޔަވާ ދަރިވަރަކަށް ފުޅާވުން. ސްކޫލްތަކުގެ ސައިންސްގެ މާއްދާތަކަކީ މަތީ ފެންވަރުގެ ސައިންސް، މެޑިސިން، އިންޖިނިއަރިން ފަދަ ތައުލީމު ލިބިގަތުމަށް ލާޒިމް ކަމެއް،" ކްރިޓިކަލް ތިންކިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ހަސަން ވިދާޅުވި އެވެ.

ސައިންސްގެ މާއްދާތައް ނުކިޔަވާ ތިބި ދަރިވަރުންނަށް އެ ދާއިރާތަކުން ފަހުން ކިޔެވުމުގެ ފުރުސަތު ހަނިވާނެ ކަމަށް އޭނާ ގަބޫލު ކުރެއްވި ނަމަވެސް ވިދާޅުވީ އެކައުންޓިން ފަދަ މާއްދާތައް އޯލެވެލްގައި ނުކިޔަވައި، ފަހުން ޑިގްރީ ފެންވަރަށް ކިޔެވޭނެ ކަމަށެވެ.

އެއީ ޑިގްރީ ފެންވަރަށް ކިޔެވުމަށް "ޕްރިރިކްވިޒިޓް" މާއްދާތަކަކަށް ނުވާތީ އެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި--- ފޮޓޯ/މިހާރު
ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި--- ފޮޓޯ/މިހާރު

ހަސަން ވިދާޅުވީ ރާއްޖޭގެ މާހައުލުގައި އެކައުންޓިން ފަދަ ވަޒީފާތައް ނިސްބަތުން މަދު ކަމަށެވެ.

"މިސާލަކަށް އާދައިގެ އޮފީހެއް. މިސާލަކަށް ރަށު ކައުންސިލެއްގެ އިދާރާ ހިޔާލަށް ގެންނަވާާ، އެ ތަނަށް ބޭނުންވާނީ ކިތައް އެކައުންޓެންޓުން ތޯ؟،" ހަސަން ސުވާލު އުފެއްދެވި އެވެ.

ސައިންސްގެ މާއްދާތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމަށާއި ކްރިޓިކަލް ތިންކިން އަދި "އެކްސްޕެރިމެންޓޭޝަން" ފަދަ ތަހުގީގުތައް ކުރުމަށް، ވަރަށް ކުޑައިރުން ފެށިގެން ދަރިވަރުންގެ ސިކުނޑި ބޭނުންކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ ތަޖުރިބާތަކަކީ، މުޅި އުމުރުގައި އެ ކުދީންނަށް ފައިދާ ކުރާނެ ހުނަރުތަކަކަށް ވާތީ ސައިންސް ސްޓްރީމް މާ ރަނގަޅު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ކޮމާސް އަދި ބިޒްނަސް ސްޓްރީމަކީ ފައިސާގެ މުއާމަލާތްތަކުގެ މައްޗަށް އިސްކަންދެވޭ މާއްދާތަކެއް ކަމުން ދަރިވަރުންނަށް އެއިން އިނގޭނީ ފައިސާ އާއި މާއްދީ ކަންކަމުގެ މުހިންމުކަން ކަމަށް ހަސަން ވިދާޅުވި އެވެ.

ރާއްޖޭގައި ބިޒްނަސް ކިޔަވާ ދަރިވަރުންގެ އަދަދު 20 ޕަސެންޓުގައި ހުރިއިރު އިނގިރޭސި ވިލާތާއި ސިންގަޕޫރުގައި ވެސް އެ ނިސްބަތް ފަސްބައިކުޅަ އެއް ބަޔަށް ވުރެ ދަށް ކަމަށް ހަސަން ވިދާޅުވި އެވެ.

"ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 ޕަސެންޓަށް އެރުމުގެ ނަތީޖާކަމަށް ބައެއް މީހުން ބުނާނެ. މި ނިސްބަތާ މެދު ތިބާ ކަންބޮޑުވެ ވަޑައިގަންނަވަންތޯ އެވެ؟" ޕޯސްޓްގައި ހަސަން ލިޔުއްވާފައިވެ އެވެ.

ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ އަހަރު އޯލެވެލް އިމްތިހާން ނިންމި ދަރިވަރުން ވަކިވަކި މާއްދާތަކުގައި ބައިވެރިވި އަދަދު އެ ޕޯސްޓާއެކު ހިމެނުއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ތަފާސްހިސާބުތަކަށް ބަލާއިރު:

  • ސައިންސް ސްޓްރީމްގައި ބައިވެރިވެފައިވަނީ 50 ޕަސެންޓު ދަރިވަރުން
  • ބިޒްނަސް ސްޓްރީމްގައި 49 ޕަސެންޓު ދަރިވަރުން
  • އާޓްސް ސްޓްރީމްގައި ބައިވެރިވެފައި ވަނީ އެއް ޕަސެންޓު ދަރިވަރުން

ސައިންސް ސްޓްރީމްގައި ހިމެނޭ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސްގެ އިމްތިހާނުގައި ބައިވެރިވެފައިވަނީ 8،957 ދަރިވަރުންނެވެ. ބިޒްނަސް ސްޓްރީމްގައި ހިމެނޭ ބިޒްނަސް، އެކައުންޓް، އިކޮނޮމިކްސް އިމްތިހާނުގައި ބައިވެރިވެފައި ވަނީ 7،017 ދަރިވަރުންނެވެ. އާޓްސް ސްޓްރީމްގައި ބައިވެރިވީ 58 ދަރިވަރުންނެވެ.

މާލޭ ސްކޫލެއްގެ ދަރިވަރުންތަކެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލޭ ސްކޫލެއްގެ ދަރިވަރުންތަކެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހަސަން ފާހަގަކުރެއްވީ އިނގިރޭސި ވިލާތުގައި ދަރިވަރުން އެވްރެޖްކޮށް 11 މާއްދާ ހަދާއިރު ސައިންސްގެ މާއްދާތައް މަޖުބޫރު ކޮށްފައި އޮތް އޮތުމެވެ. އަދި ގިނަ ދަރިވަރުންތަކެއް އިކޮނޮމިކްސް ފަދަ މާއްދާތައް ހަދާ ކަމެވެ.

"ރާއްޖޭގައި ވެސް އަޅުގަނޑުމެން މަދަރުސާގައި އުޅުނު އިރު، (އިސްލާމް އާއި ދިވެހި ނުލައި) އޯލެވެލްގައި ނުވަ މާއްދާ ގައި ދަރިވަރުން ބައިވެރިވޭ. ނަމަވެސް އިސްލާމް އާއި ދިވެއްސާ އެކު ދަރިވަރުން މިހާރު ބައިވެރިވަނީ އަށް މާއްދާގައި. އަޅުގަނޑު ހުށަހަޅަނީ މިހާރަށް ވުރެ ގިނަ މާއްދާތަކުން ދަރިވަރުން ހޯދާ ކާމިޔާބު އަރުތަވެރީން ހޮވުމުގައި ބެލުމަށް،" ހަސަން ވިދާޅުވި އެވެ.

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު މަދުވަމުންދާ ކަމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ދާދި ފަހުން ވަނީ ފާޅުކުރައްވައިފަ އެވެ.